Last Updated: April 27, 11:16
Sunday, April 27, 2025
ޚަބަރު

ޔޫތު އެޑްވައިޒަރީ ބޯޑުން އިތުރު ދެ މެމްބަރަކު އިސްތިއުފާ ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު އެރުވުމުގެ ގޮތުން އުފައްދާފައިވާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން އިތުރު ދެ މެމްބަރަކު އިސްތިއުފާ ދީފި އެވެ.

އެ ކޮމިޓީން އެންމެފަހުން އިސްތިއުފާ ދީފައިވަނީ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިއާ އައިމިނަތު ރަބާބް އާއި ނިމާލް ހަމީދު އެވެ.

އިސްތިއުފާ ދިންކަން ހާމަކޮށް އިންސްޓްގްރާމްގައި ރަބާބް ބުނީ އެ ކޮމިޓީއާ ގުޅުނީ ޒުވާން އެތުލީޓުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށާއި ނަމަވެސް ތެދުވެރިކަމާއި ހާމަކަމެއް ނެތް ތަނަކަށް ތާއީދުނުކުރެވޭނެ ކަމަށެވެ. އަދި ޒުވާނުން މިހާރު ކުރަމުންދާ މަސައްކަތަށް ތާއީދުކުރުމުގައި ދެމި ހުންނާނެ ކަމަށްވެސް ރަބާބް ބުންޏެވެ.

މި ކޮމިޓީން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) ވެސް އިއްޔެ ވަނީ އިސްތިއުފާ ދީފަ އެވެ.

އެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ. ދާއޫދަކީ މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރު ގެއެއްގެ ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ރައުދު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ އިއްޔެ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.

މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.