ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީން މިދިޔަ އަހަރު ސިދާތު މަލްއުތުރާއާ އެކު ހަދަން އިއުލާންކުރި ފޯކް ތުރިލާ "ވަން: ފޯސް އޮފް ދަ ފޮރެސްޓް" ގެ ބަތަލާގެ ރޯލަށް ތަމަންނާ ބާޓިއާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައ ފިލްމުގެ ބަތަލާއަކަށް އޭނަ ހަމަޖެއްސުމާ އެކު އޭގެ ޓީމުން މިހާރު އަންނަނީ އަންނަ ޖޫން މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.
"ވަން" ވާނީ ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ، ސިދާތާ އެކު ތަމަންނާ ކުޅޭ ފުރަތަމަ ފިލްމަށެވެ.
މި ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ތަމަންނާ އަކީ އިންޑިއާގެ ދެކުނުގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަޖޭ ދޭވްގަންގެ ޖަންގަލް އެޑްވެންޗާ "ރޭންޖާ" އާއި ޖޯން އަބްރަހަމް ހިމަނައިގެން ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދަން ނިންމާފައިވާ ފިލްމުގެ އިތުރުން "ނޯ އެންޓްރީ" ގެ ސީކްއެލްގެ ބަތަލާ އަކީ ވެސް ތަމަންނާ އެވެ.
ތަމަންނާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 17 ގައި ރިލީޒްކުރި ތެލެގޫ ސުޕަނެޗްރަލް ތުރިލާ "އޮޑެލާ 2" އެވެ.
"ވަން" ގެ ބަތަލާއަކަށް ތަމަންނާ ނަގާފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، މީގެ ބަތަލާއަކަށް ވާނީ ސާރާ އަލީ ޚާން ކަމަށް ކުރިން އަޑު އަރާފައިވެ އެވެ. މީގެ ޑައިރެކްޓަރަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ މަގުބޫލު ސީރީޒް "ޕަންޗަޔަޓް" ގެނެސްދިން ދީޕަކް ކުމާރު މިޝްރާ އެވެ.
ސިދާތު މިހާރު އަންނަނީ ޖާންވީ ކަޕޫރާ އެކު ކުޅޭ "ޕަރަމް ސުންދަރީ" ގެ މަސައްކަތް ކުރަމުންނެވެ.