Last Updated: April 27, 02:20
Saturday, April 26, 2025
ޚަބަރު

'ޖެން-ޒީ' އަށް މުސްތަފާގެ ތައުރީފެއް!

ގައުމުގައި ހިނގަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން މިހާރުގެ ޒުވާނުން ވަރަށް ހޭލުންތެރި ކަމަށާއި މައްސަލަތަކާ ގުޅޭ ގޮތުން އެ މީހުން އަޑު ވެސް އުފުލަމުން ދިއުމަކީ ހެޔޮ ބަދަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ތައުލީމީ ދާއިރާގައި 24 އަހަރު މަސައްކަތް ކުރައްވާފައިވާ އަލީ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުގައި ޓީޗަރެއްގެ އިތުރުން ޕްރިންސިޕަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ މުސްތަފާ ސޯޝަލް މީޑިއާ ވިދާޅުވީ މިހާރުގެ ޒުވާން ޖީލު، ޖެނެރޭޝަން ޒޫމާސް ނުވަތަ ޖެން-ޒީ/މިލީނިއަލްސް އަށް އައި ބަދަލުތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެ ޖީލަކީ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މިހާރު ވަރަށް ބޮޑަށް ޝުއޫރު ފާޅުކޮށް، އެ މީހުންގެ އަޑު އުފުލަމުން އަންނަ ބައެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮރަޕްޝަނާއ އިންސާނީ ހައްގުތަކާއި މޫސުމީ ބަދަލުތަލާއި އިންސާފުގެ ވާހަކަ "ޖެން-ޒީ" ވަރަށް ބޮޑަށް ދައްކާ ކަމަށް އޭނަ ވިދާޅުވި އެވެ. އެހެންވެ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އެ މީހުންގެ ނުފޫޒާއި ބާރު ގަދަވާނެކަމުގެ ނިޝާންތައް "ޖީ-ޒެން" ގެ ފަރާތުން މިހާރު ފެންނަމުން އަންނަ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އަހަރެމެން ގަބޫލު ކުރިޔަސް ނުކުރިޔަސް އެ ޖީލު މަގުމައްޗަށް ނުކުމެ އެ މީހުންގެ ޝުއޫރުތައް ފާޅުކުރުމަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޖީލުގެ ނުފޫޒު ކިހާ ބޮޑުވާނެކަން ދައްކުވައިދޭ ކަމެއް،" އޭނަ ވިދާޅުވި އެވެ. "އަދި އެ މީހުންނަކީ ހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަން ކުރާނެ މީހުން."

އެކަމަކު އެންމެ ބޮޑު ސުވާލަކީ ރާއްޖޭގައި މިހާރު ހުރި ބޮޑެތި މައްސަލަތަލާ ދެކޮޅަށް އެ މީހުންނަށް ހަގީގީ މާނައިގައި މަސައްކަތް ކުރެވިދާނެތޯ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"ކޮރަޝަން ނައްތާލުމާއި ބާރާއި ނުފޫޒު ކަންކަން ފަހިކުރުން ހުއްޓުވުމާއި ހަގީގީ ޑިމޮކްރެސީ މި ގައުމަަށް އެ މީހުންނަށް ގެނެވިދާނެތޯ ސުވާލުކޮށްކަން ޖެހޭ،" އޭނަ ވިދާޅުވި އެވެ. "ހަމަ އެގޮތަށް އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ގޮތުން ހުރި ގޮނެޖެހުންތައްކަށް އެ މީހުންނަށް ހައްލެއް ގެނެވިދާނެ ވެސް ސުވާލުކޮށްކަން ޖެހޭ."

"ޖެން-ޒީ" އަށް އިޝާރާތްކޮށް މިފަދަ މޭރުމަކުން މުސްތަފާ ވާހަކަ ދެއްކެވި އިރު، ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ މައްސަލަ ކަމަށްްވާ، ޒުވާން އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ އާއި އެ ހާދިސާގެ ވަށައިގެން ހުރ މައްސަލަތަކާ ގުޅިގެން ޒުވާނުންތަކެއް މިހާރު އަންނަނީ ވެރިރަށް މާލޭގައި ސިލްސިލާކޮށް އިޖުތިޖާޖުކޮށް، ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ އަޑު އިއްވަމުންނެވެ.