Last Updated: April 28, 11:59
Monday, April 28, 2025
މުނިފޫހިފިލުވުން

އާ ފިލްމާ އެކު ފަވާދަށް މާޒީ އިޔާދަވެއްޖެ!

ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާން ކުޅުނު އިންޑިއާގެ އާ ފިލްމު "އަބީރް ގުލާލު" ރިލީޒްކުރަން ތައްޔާރުވަމުން ދަނިކޮށް އޭނަ އަށް އަނެއްކާ ވެސް މާޒީ އިޔާދަވެ، ފިލްމު ރިލީޒް ރިލީޒްކުރުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރާ އެކު ފަވާދު ކުޅުނު ރޮމޭންޓިކް ކޮމެޑީ ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ މަހުގެ 9 ގަ އެވެ. ނަމަވެސް އެ ތާރީހުގައި އެ ފިލްމު ސިނަމާތަކަށް ގެންނާނެކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ. ސަބަބަކީ މި މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ވީ ފަޅި އަށް ދިން ހަމަލާތަކެއްގައި އިންޑިއާގެ ބަޔަކު މަރާލި މައްސަލަ ހޫނުވެ، އެ ހަމަލާގެ ޒިންމާ އިންޑިއާ އިން އާންމު އުސޫލުގެ މަތިން ޕާކިސްތާންގެ ބޮލުގައި އަޅުވާފައިވާތީ އެވެ.

ޕަހަލްގާމަށް ދިން ހަމަލާގައި 26 މީހަކު މަރުވި އިރު، އެއީ އިންޑިއާގެ 25 މީހަކާއި ނޭޕާލްގެ މީހެކެވެ. އެ މީހުންނަކީ ޗުއްޓީ އަށް ޕަހަލްގާމަށް ގޮސް އުޅުނު މީހުންނެވެ.

ހަމަލާގެ ޒިންމާ "ކަޝްމީރު ރެސިސްޓަންސް" ކިޔާ ޖަމާއަތަކުން ނަގާފައިވާ އިރު، އެއީ ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓުން ޖަމާއަތެއް ކަމަށް އިންޑިއާ އިން ބުނެ އެވެ.

ޕަހަލްގާމަށް ދިން ހަމަލާ އެކު އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ވަރަށް ބޮޑަށް މި ވަނީ އަނެއްކާ ވެސް ހޫނުވެފަ އެވެ. އެގޮތުން ޕާކިސްތާން ބޮއިޓް ކުރަން ގޮވައިލާ އަޑުތައް އިތުރުވަމުންދާ އިރު، ޕާކިސްތާންގެ އެކްޓަރަކު ކުޅެފައިވާ ފިލްމަކަށްވާތީ "އަބީރް ގުލާލް" އިންޑިއާގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އެތައް ބަޔަކު މިހާރު ދަނީ އަޑު އުފުލަމުންނެވެ.

މި ހާދިސާގެ މާ ކުރިން ވެސް އިންޑިއާގެ ހިންދޫ ޖަމާއަތަކުން ވަނީ ޕާކިސްތާންގެ އެކްޓަރަކު އުޅޭ ފިލްމު ސިނަމާތަކުގައި ދައްކަން ހުރަސް އަޅައި، އަޅުވައިފި ނަމަ ސިނަމާތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު ވެސް ދީފަ އެެވެ.

ފަވާދުގެ "އަބީރް ގުލާލް" އަށް މި ހާލު ޖެހުނު އިރު، އޭނަގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަށް ވެސް ހަމަ މި ހާލު ޖެހުނެވެ. ކަރަން ޖޯހަރް ޑައިރެކްޓްކުރި ފިލްމު އަޅުވަން އެ އަހަރުގެ ފަހުކޮޅު ތައްޔާރުވަމުން ދަނިކޮށް، ފިލްމާ ދެކޮޅު ހަރަކާތްތަކެއް ފެށުނީ ހަމަ ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު އިންޑިއާ އަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރައިލުމާ ގުޅިގެންނެވެ.

އެ ފަހަރު މައްސަލަ ހޫނުވެ، ފިލްމު ސިނަމާތަކުގައި އަޅުވަން ހުރަސް އަޅާނެކަމުގެ އިންޒާރުތަކާ ގުޅިގެން "އޭ ދިލް ގެ މުޝްކިލް" ރިލީޒްކުރަން ޖެހުނީ ފަވާދުގެ ވަރަށް ގިނަ މަންޒަރުތަކެއް ކަނޑާލުމަށް ފަހު އެވެ. އެ ފިލްމަކީ ފަވާދާއި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާގެ އިތުރުން އައިޝްވާރިއާ ރާއީ މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ.

ފަވާދުގެ އިތުރުން "އޭ ދިލް ހެ މުޝްކިލް" ގައި ޕާކިސްތާންގެ އެހެން އެކްޓަރެއްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ. އެއީ އިމްރާން އައްބާސް އެވެ.

"އަބީރް ގުލާލް" އަކީ 2016 ގެ ހާދިސާގެ ފަހުން ބޮލީވުޑް ދޫކޮށްލަން ފަވާދަށް މަޖުބޫރުވި ފަހުން ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމު ޝޫޓްކުރީ އިނގިރޭސިވިލާތުގަ އެވެ. އަދި މީގެ ޕްރޮމޯޝަނަލް ހަރަކާތްތައް މިހާތަނަށް ކުރިއަށް ގެންދިޔައީ ޔޫއޭއީގަ އެވެ.

"އަބީރް ގުލާލް" އަކީ ފަވާދު ކުޅުނު އިންޑިއާގެ ހަތަރު ވަނަ ފިލްމެވެ. އެހެން ފިލްމުތަކަކީ "ކަޕޫރް އެންޑް ސަންސް" އާއި "ހޫބްސޫރަތު" އެވެ.

"އަބީރް ގުލާލކް ބޮއިކޮޓް ކުރުމުގެ އަޑުތައް ގަދަވަމުންދާ އިރު، އެ ފިލްމުގެ މިއުޒިކް ރައިޓްސް އޮތް ސާރޭގާމާ މިއުޒިކުން ވަނީ ފިލްމުގެ ލަވަތައް ވެސް އެތަނުގެ ޕްލެޓްފޯމްތަކުން މިހާރު ނަގައިފަ އެވެ.