މިހާރު މާލޭގެ މަގުތަކަށް ނުކުމެ "ޖީ-ޒެން" ކުރިއަށް ގެންދާ އިހުތިޖާޖުތަކާ ހެދި މުޅި ގައުމުގެ އިޖުތިމާއި ފޭރާން ވީދި، ހަލާކުވެއްޖެ ކަމަށް ވިދާޅުވެ، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާން ޒުވާނުންގެ އެއްވުންތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފުރާޅެއްގެ މައްޗަށް 21 އަހަރުގެ އަންހެނަކު "ވެއްޓުނު" ހާދިސާ އަށް އިންސާފު ހޯދަން ގޮވާލައި، ޒުވާނުންތަކެއް ބާއްވަމުން އަންނަ އިހުތިޖާޖުތަކަށް ފާޑު ވިދާޅުވެ، ޒުހުރުބާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތަހުޒީބަކީ އައުރަ ނިވާނުކޮށް ހިތު ހުރިހާ އެއްޗެއް އަނެކުންނާ ދިމާލަށް ކިޔުމާއި އިސްލާމީ މުޖުތަމައުގައި ހުއްދަ ނޫން ކަންކަން ކުރުމާއި ބޭނުންހާ ގޮތަކަށް އުޅުމާއި އަތުޖެހުނުގައި އެއްޗެއް ބޮއި ލެއްވިހައި ފާހިޝް އަމަލުތައް ކުރުމެއް ނޫން ކަމަށެވެ.
"އެކަމަށް ހިތްވަރު ލިބޭ ގޮތަށް އެއްވުންތައް ބާއްވައި މުއައްސަސާތަކުގެ އަގުވައްޓާލައި ގައުމުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދިމާއަށް ހަޑިމުޑުދާރު އަމަލުތައް ދައްކައި ހަޑި ހުތުރުކޮށް ވާހަކަ ދެއްކުމެއް ނޫން." ޒުހުރުބާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެފަދަ ގޮތްގޮތަށް އަމަލު ނުކޮށް ވެސް އިންސާފު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށެވެ.