ޒުވާން އަންހެނަކު ފުރާޅެއްގެ މައްޗަށް ޗެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާ އަށް ގޮވި ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށް ވިދާޅުވެއްޖެ އެވެ.
އަންހެން ކުއްޖާ އަށް އިންސާފު ހޯދައި ދޭން ގޮވާލައި ޒުވާނުން ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ކުރަމުން އަންނަ ޑިމާންޑްތަކުގެ ތެރޭގައި އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް އިސްތިއުފާ ދިނުން ހިމެނެ އެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު" ނޫހަށް އިހުސާން ވިދާޅުވީ ޒުވާނުންގެ ޑިމާންޑުތަކާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
"އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނަ ވިދާޅުވި އެވެ. "އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް."
އިހުސާން ތުހުމަތު ކުރެއްވި ގޮތުގައި އިސްތިއުފާއަށް ގޮވަނީ އަންހެން ކުއްޖާގެ މައްސަލަ ސިޔާސީ ކުރަންވެގެންނެވެ.
"ދެން ކުދިން އެބަ ޑިމާންޑު ކުރޭ އިންސާފު ހޯދަ ދިނުމަށާއި، ދެފުށް ފެންނަ ތަހުގީގެއް ފެށުމަށް. އެކަންކަން އެއީ އަޅުގަނޑު ހަމަ 100 ޕަސެންޓު ކަށަވަރުކުރާނެ ކަންކަން،" އޭނަ ވިދާޅުވި އެވެ. "އެއަށް އަޅުގަނޑު ހަމަ ސަޕޯޓު ވެސް ކުރާނަން. އަޅުގަނޑުގެ ވުޒާރާގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރާނަން."
ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭން (ޑީއެންއާރް) ގެ ޑޭޓާބޭސް ނަހަމަގޮތުގައި ބޭނުންކުރި މައްސަލައެއް ވެސް ދާދު ފަހުން ފެންމަތިވެ، އެ މައްސަލައިގައި އިހުސާން އިސްތިއުފާ ދޭން އެމްޑީޕީން ގޮވާފައިވެ އެވެ. އަދި އޭނަގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެ ޕާޓީން މަޖިލީހަށް ހުށަހެޅި އެވެ.