މި އަހަރުގެ އިންޓަ-ސްކޫލް ޓޭބަލް ޓެނިސް މުބާރާތް އަންނަ މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ސްކޫލްތަކަށް ހުޅުވާލައިފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14-19 އަށް ހ. މުނިއުފާގައި ހުންނަ ޓޭބަލް ޓެނިސް ހޯލުގައި ކަމަށެވެ.
ދެ ޖިންސަށް ހާއްސަ މުބާރާތް ބާއްވަނީ ހަތަރު އުމުރުފުރާއަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ 13 އަހަރުން ދަށުގެ އުމުރުފުރާގައި މި އަހަރު އޮންނާނީ ހަމައެކަނި ސިންގަލްސް އިވެންޓް ކަމަށެވެ. ނަމަވެސް އަނެއް ތިން އުމުރުފުރާގައި ސިންގަލްސް އާއި ޑަބަލްސް އިވެންޓް އޮންނާނެ އެވެ.
މުބާރާތުގައި ބައިވެރިވާން ސްކޫލްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ މުބާރާތުގައި ވާދަކުރަން ބޭނުންވާ ސްކޫލްތަކާއި ކުޅުންތެރިންގެ އެންޓްރީ ފޯމް އަންނަ މަހުގެ 6 ގެ މެންދުރު ފަހު 2:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ.
މުބާރާތާ ބެހޭ އިތުރު އިތުރު މައުލޫމާތު، 7778722 ނުވަތަ 7779140 އިން ހޯދޭނެ އެވެ.
މިދިޔަ އަހަރުގެ އިންޓަ- ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި 16 ސްކޫލަކުން 600 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.