Last Updated: April 27, 02:20
Saturday, April 26, 2025
ޚަބަރު

ޕެޓިޝަނުގައި 7،500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 7،500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ހައްޔަރުކޮށްފަ އެވެ.

އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މި ވަގުތާ ހަމައަށް 7،659 މީހުން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަނުގައި ގޮވާލާފައިވަނީ ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމު ކުރުމަށާއި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ގޮވާލާފައިވެ އެވެ.

ޔުމްނު އަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާ ގޮތެއްގައި މާލޭގައި އެއްވުންތައް ބާއްވަމުންދާއިރު ރޭގެ އެއްވުމުގައި ޒުވާނުން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ހުށަހަޅާފަ އެވެ.

ޒުވާނުންގެ ޑިމާންޑްތައް:

1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
7. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދިނުން
8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
10. ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތުން

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ އިއްޔެ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.