Last Updated: April 28, 10:56
Monday, April 28, 2025
ރިޕޯޓް

ދަރިން އެބަ ތަރުބިއްޔަތު ކުރެވޭ ހެއްޔެވެ؟

އަޅުގަނޑު ވެސް އެ ބިމަކަށް އުފަންވެ އަދި މި ޢުމުރާއި ހަމައަށް މިއަދު ފޯރާފައިވީ ހިނދު، ދިވެހި ރާއްޖޭގެ (جزيره المالديف) މާހައުލުގައި މިއަދު ބޮޑެތިވަމުން އަންނަ ބައެއް ޒުވާނުންގެ ކިބައިން މި ފެނިގެންދާ ޢަމަލުތަކާއިމެދު ކުޑަ ވާހަކައެއް ފާހަގަކޮށްލަން ޤަޞްތުކުރަމެވެ.

ޚާއްޞަކޮށް މީސްމީޑިޔާގައި ތިލަވެފައި މި އޮތް މައްސަލައާ މެދުގަ އެވެ. އެއީ އަޅުގަނޑަށްވުރެ ޢުމުރުން ކުޑަ ޒުވާނުންތަކެއް ބަނގުރާ ބޮއެ، ދެ ޖިންސު މަސްހުނިކޮށް ޕާޓީކުރުމާއި އަދި މަސްތުގެ ހާލަތުގައި ތިއްބާ ޒުވާން އަންހެން ކުއްޖެއްގެ ފުރާނަ ގެއްލިގެންދާނެފަދަ ޢަމަލެއް ކުރިމަތިވެގެންދިޔަ ޙާދިޞާގެ މައްޗަށެވެ.

ދަންނާށެވެ! އަޅުގަނޑުމެން ބޮޑެތިވެފައި މިތިބީ ކުޑައިރު އަޅުގަނޑުމެންގެ އަތުގައި ހިފައިގެން މިސްކިތައް ގެންދާނެ މީހަކު ނެތް ހާލުގަ އެވެ. އަދި ކީރިތި ޤުރުއާނާއި ނަބަވީ ޞައްޙަ ސުންނަތުގެ މައްޗަށް ހެޔޮލަފާ ނަޞޭޙަތް ދޭނެ ބަޔަކު އަޅުގަނޑުމެންގެ ކައިރީގައި ނެތް ހާލުގަ އެވެ. އެއާ އެކު، އޭރު ހެޔޮލަފާ ދީނީ ޞައްޙަ ނަޞޭޙަތްތައް ހޯދުމަކީ އެމީހެއްގެ ފަރުދީ ބުރަ މަސައްކަތުން ނޫނީ ނުކުރެވޭނެ ކަމެކެވެ.

އެހެންކަމުން، އަޅުގަނޑުމެން ދިރިއުޅެމުން ގެންދިޔައީ އިސްލާމް ދީނުގެ ޢިލްމަށް ޖާހިލުވެފައި ތިބި ބައެއްގެ ތެރޭގަ އެވެ. އެއާ ޚިލާފަށް މިއަދު މިތިބި ޒުވާނުންނަކީ ރެޔާ ދުވާލު 24 ގަޑިއިރު ދީނީ ނަޞޭޙަތްތަކުގެ ތެރޭގައި އުޅެވޭ ފަރުދުންނެވެ. މިސްކިތުންނާއި (ނުވިތާކަށް) މިއަދު ގޭގެ ޓީވީ އަދި ކޮމްޕިއުޓަރު ދޮށުގައި އިނދެ ވެސް އިސްލާމް ދީނުގެ ނަޞޭޙަތްތަކާއި ހެޔޮލަފާ އިރުޝާދުތައް ލިބޭނެ އިންތިޒާމް އޮތީ ހަމަޖެހިފައެވެ. އަމިއްލަ ބަހުރުވައިން އިސްލާމް ދީނުގެ ނަޞޭޙަތް ފޯރުކޮށްދޭ ޗެނަލްތައް އެބަ ހުއްޓެވެ.

އިސްލާމް ދީނުގެ ތަޢުލީމު އުނގެނުމަށް UNIVERSITY ފަދަ ތަންތަން ބިނާކުރެވި، އެތަންތަނުން ޞައްޙަ ޢިލްމު އެބަ އުނގަންނައިދެ އެވެ. ބިރުވެރިކަމެއް ނެތި، ފަސޭހަކަމާ އެކު ދީނީ ޢިލްމުވެރިންނާ އެބަ ބައްދަލުކުރެވެ އެވެ. މިއާ އެކު، ޒުވާނުން ބޭނުން ނަމަ ދީނީ ތަޢުލީމު ޙާޞިލުކުރުމަށް ޢަރަބި ދަޢުލަތެއްގެ ޔުނިވޭސިޓީއަކަށް ދިއުމުގެ ފުރުޞަތުތައް ވެސް ތަނަވަސްވެފައިވެއެވެ.
އެހެންކަމުން، މިއަދު ބޮޑެތިވަމުން މި އަންނަ ޒުވާނުން ވިސްނަންޖެހިފައި އޮތީ ތިމަންނަމެން ނުބައި މަގެއް އިޚްތިޔާރުކޮށްފައި ވަނީ ކަންކަން ނޭނގިގެނެއް ނޫން ކަމެވެ. އަދި ހެޔޮލަފާ ނަޞޭޙަތް ދޭނެ ބަޔަކު މަދު ވެގެނެއް ނޫންކަމެވެ.

އެހެނަސް އަމިއްލަ އިޚްތިޔާރުގައިކަމެވެ. އެހެނީ ދީނީ ޖާހިލުކަން މިއަދު ދިވެހި ރާއްޖޭގެ (جزيره المالديف) މުޖުތަމަޢުގައި އޮތީ ފިލައިގެން ގޮސްފައެވެ. މިއަދު ކޮންމެ ޒުވާނަކަށްވެސް ހެވާއި ނުބައި އަދި އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް އެނގޭނެއެވެ. އޮތީ އެކަންކަމަށް ތިމާގެ އިޚްތިޔާރެވެ. ދެ މަގުންކުރެ، ކޮންމެވެސް އެއް މަގެއްގައި ކުރިއަށް ދިއުމެވެ. އަދި އާޚިރަތް ދުވަހަށް އެކަށީގެންވާ ޖަވާބުތަކާއިއެކު ތައްޔާރުވެ ތިބުމެވެ. މިކަން ކީރިތި ޤުރުއާނުން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ. އެ ދުވަހުން ތިއިން ކޮންމެ ޒުވާނަކާއި ސުވާލު ކުރައްވާނެއެވެ. ތިބާއާއި ހަމައަށް ހެޔޮ ނަޞޭޙަތް ނުފޯރާ ހެއްޔެވެ؟

މިއަދު މި ތިިއްބެވި މައިންބަފައިންނަށް ވެސް އުޒުރު ދެއްކޭކަށް ނެތެވެ. ހެޔޮލަފާ މަގުން ދަރިން ތަރުބިއްޔަތު ކުރުމުގެ މަގު މި އޮތީ ތަނަވަސްވެފަ އެވެ. ކާބަފައިންހެން ދީނީ ޢިލްމަށް ޖާހިލުވެފައި ތިބޭކަށް ނުޖެހެއެވެ. އެހެންކަމުން، މައިންބަފައިންނަށް ވެސް އޮތީ އިޚްތިޔާރުކުރުމެވެ. ދީނީ ޢަމަލުތަކަކީ ވަކި މީހަކަށްޓަކައި ކުރަންވީ ކަންކަމެއް ނޫނެވެ. އެހެނަސް ދުނިޔޭގައި ދިރިއުޅޭ އިރު ތިމާގެ އަމިއްލަ ސަލާމަތަށްޓަކައި ކުރަން އޮތް ކަމެކެވެ. އަދި އާޚިރަތުގެ ކާމިޔާބީއަށްޓަކަ އެވެ.

ލިޔުންކޮޅު ނިންމާލާނީ މި ހިނގައިދިޔަ މައްސަލައިގައި އެ ޒުވާނުން ވަނީ އެ މީހުންގެ އަމިއްލަ އަތްތަކުން ވެސް މީސްމީޑިޔާ އަށް އެ ފާފައިގެ ޢަމަލުތައް ފާޅުކޮށްފަ އެވެ. އެހެންކަމުން، އެމީހުން އެ ހިންގި ފާފައިގެ ޢަމަލު ފާޅުވެ، އެއާއިއެކު މުޖުތަމަޢުއަށް މިކަމުގެ ޚަބަރު އެނގުމުން ޤާނޫނީ މުއައްސަސާތަކުން އެ މައްސަލަ ބަލަން ޖެހޭނެ އެވެ.

ޒުވާންކަމުގެ ޖޯޝްގައި އެމީހުން ދިރިއުޅުނަސް، މިފަދަ ފާފަވެރި ކަންކަން މުއައްސަސާތަކުން ނުބަލައި އަތުން ދޫކޮށްލާކަށް ނުޖެއެވެ. އެހެން ނޫނީ، މިދެވެނީ މިފަދަ ފާފަ އާއި އަދި ކުށްކުރުމަށް ހިތްވަރެކެވެ. އެއާ އެކު، ޢަމުރު މަޢުރޫފުގެ ބާރުވެރިކަން މުޖުތަމަޢުއިން ގެއްލި ހިނގައިދާނެ އެވެ. ހެޔޮ ތަރުބިއްޔަތާ އެކު ހެޔޮލަފާ މަގުތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން ރައްކާތެރިކުރެވޭނީ، މިފަދަ ބަސްއަހަން ބޭނުން ނުވާ ޒުވާނުންގެ ކިބައިން މުޖުތަމަޢުގެ މުސްތަޤުބަލު ރައްކާތެރިކޮށް ދެވިގެންނެވެ.

އެހެން ނޫނީ، އެ ޢަމަލުތައް ދާނީ ދުވަހެއް ދުވަހަކަށް މުޖުތަމަޢުގައި ފެތުރެމުންނެވެ. އެމީހުން ވާނީ މާދަމާގެ ބޮޑެތި މީހުންނަށެވެ. މުސްތަޤުބަލަށް މަގު ދައްކަން ތިބޭނީ އެމީހުންނެވެ. އެބަހީ: ފާފަވެރި ޒުވާނުންނެވެ.

ދެނެގަންނާށެވެ! ޢަދުލުވެރި މުއައްސަސާއަކަށް ނުވަތަ ހެޔޮލަފާ ވެރިއަކަށްވެސް އެންމެހާ ޒުވާނުން ރުއްސައިގެން ނުގެންގުޅެވޭނެއެވެ. އެހެނީ އަބަދުވެސް މި ދެންނެވި ދެ މަގުގައި ޒުވާނުން ތިބޭތަން އެމީހުންނަށް ފެންނާނެ އެވެ. އިބިލީހަކީ ފާފަވެރި ޢަމަލުތަކަށް ނުހަނު އެދިއެދި ހުންނަ އެއްޗެކެވެ. ވުމާއެކު، އެ ކަލޭގެއަށް އެހީތެރިކަން ނުދޭށެވެ.

އަޅުގަނޑު މީގެ ކުރިން އަޑުއަހާފައިވެ އެވެ. އެވެނި މިވެނި ވަޒީރެއްގެ ދަރިޔަކު މަސްތުވާތަކެއްޗާ އެކު ޕާޓީކޮށް އެ ޢަމަލާއި ގުޅިގެން ހައްޔަރުކުރުމުން، ވަލު ދޮރާށިން އެ ވަޒީރުގެ ދަރި ދޫކޮށްލާ ތަނެވެ. ހަމަ އެއާއެކު، އެ ދަރިއެއްގެ ނުފޫޒާ އެކު އެކުވެރިންތައް ވެސް ސަލާމަތްވެގެން ދާ ވާހަކައެވެ. އެނގިފައިވާ ގޮތުގައި އޭރު މަސްތުވާތަކެތި އަދި ބަނގުރާ އެންމެ ފަސޭހައިން ލިބެނީ އެ ދިމާ ތަކުންނެވެ. ވެރިންނާއި އެމީހުންގެ ދަރިންގެ ފުށުންނެވެ. ސުވާލަކީ – މިއަދު ޢިލްމާއި ވަޞީލަތްތައް ލިބިފައިވީއިރުވެސް ދަޢުލަތުގެ ޢަދުލުގެ ނިޒާމް މިދަނީ ފަހަތައް ހެއްޔެވެ؟ އެކާވީސް ވަނަ ޤަރުނުގައި ދަޢުލަތެއްގެ ޢަދުލުގެ ނިޒާމް މިފަދައިން ވެއްޖެ ނަމަ، އެތަނެއްގައި މުސްތަޤުބަލެއް އެބަ އޮތް ހެއްޔެވެ؟

ނޯޓް: އަޅުގަނޑުގެ އުންމީދަކީ ހެޔޮ ވިސްނޭ މައިންބަފައިން މިފަދަ ޙާދިޞާތަކުން ފިލާވަޅު ލިބިގަނެ ހުށިޔާރުވުމެވެ. އަދި ތިމާގެ ދަރިންނާ މެދު ސަމާލުވެ، ރައްކާތެރިވުމެވެ. އަދި އެކުދިންގެ މުސްތަޤުބަލަށްޓަކައި އެކަށީގެންވާ ހެޔޮ ނިންމުންތަކެއް ނިންމުމެވެ. އަދި މިފަދަ ފިޠުނަވެރިކަމެއްގެ ތެރޭގައި ދިރިއުޅޭއިރު އަބަދުވެސް ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގެ މަތީގައި ކެތްތެރިކަމާއިއެކު ސާބިތުވެ ހުރުމެވެ. އަދި އެ މަގުން ދަރިން ތަރުބިއްޔަތު ކުރުމެވެ. އެއާ އެކު، ހެޔޮލަފާ ނަޞޭޙަތްދޭ މީހުންގެ ބަސްތައް ކަނުލައި އަޑުއަހައި އެއަށް ޢަމަލުކުރެވޭތޯ މަސައްކަތް ކުރާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ އައްތަރު އަހުމަދުގެ ލިޔުއްވުމެކެވެ.