ސަރުކާރުގެ ވަޒީފާއެއްގައި އުޅުމަކީ ނުވަތަ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ޓީމްގައި މަސައްކަތް ކުރަން ލިބުމަކީ ކުށްތަކަށް އަރައިގަންނަން ލިބޭ ހުއްދައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ޒުބާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް 'ވެއްޓުނު" މައްސަލަ ހޫނުވެ، އެކަމުގައި ޝާމިލުވާ މީހުންގެ ތެރޭގައި މި ސަރުކާރަށް ނިސްބަތްވާ އަދި ރައީސްގެ ރިޔާސީ ކެމްޕޭންގައު އުޅުނު ޒުވާނުންތަކެއް ހިމެނޭތީ އެކަމަށް އިޝާރާތް ކުރައްވައި ނިޒާރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކު ކަމަށް ވިޔަސް ކުށެއްކޮށް ފިނަމަ ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.
"ރައީސް އެވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެވާހަކަ ވިދާޅުވެފައި،" އޭނަ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ސިޔާސީ ފިކުރު އިސްކޮށް ދިމާވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ހިތުގައި ވެރީންނަށް ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ފެތުރުން އެއީ މި ޤައުމުގެ ހަމަޖެހުމަށް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށެވެ.