ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
ސީޕީ ޝުޖާއު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައި ނުވާއިރު، އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅުކުރައްވާފަ އެވެ.
އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމުގެ ގޮތުން އަދި ފުލުހުން ކުރިއަށްގެންދާ ތަހުގީގާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާ ގޮތެއްގައި މާލޭގައި އެއްވުންތައް ބާއްވަމުންދާއިރު ރޭގެ އެއްވުމުގައި ޒުވާނުން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ހުށަހަޅާފަ އެވެ.
ޒުވާނުންގެ ޑިމާންޑްތައް:
1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
7. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދިނުން
8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
10. ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތުން
ޒުވާނުން މިގޮތަށް ޑިމާންޑް ކުރި ނަމަވެސް މިނިސްޓަރު އިހުސާން އަދި މިނިސްޓަރު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.