ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވަމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި ފަރުހާދު ފިކުރީ ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީޕީ ޝުޖާއު މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރަން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ފަރުހާދު ކަނޑައަޅާފައިވާ ކަމަށެވެ.
ސީޕީ ޝުޖާއު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައި ނުވާއިރު، އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅުކުރައްވާފަ އެވެ.
އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމުގެ ގޮތުން އަދި ފުލުހުން ކުރިއަށްގެންދާ ތަހުގީގާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާ ގޮތެއްގައި މާލޭގައި އެއްވުންތައް ބާއްވަމުންދާއިރު ރޭގެ އެއްވުމުގައި ޒުވާނުން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ހުށަހަޅާފަ އެވެ.
އޭގެތެރޭގައި ސީޕީ ޝުޖާއު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމުން އިސްތިއުފާ ދެއްވުން ހިމެނެ އެވެ.