Last Updated: April 27, 11:56
Sunday, April 27, 2025
ޚަބަރު

ފަރުހާދުގެ ބަދަލުގައި ފުލުހުންގެ އިދާރާ ހިންގެވުން ނަވީނަށް

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އިސްމާއިލް ނަވީން ހަމަޖައްސައިފި އެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.

ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފުލުހުންގެ މުއައްސަސާ އިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށްވެފައި މި ތަހުޤީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ކަމަށެވެ.

އެހެންކަމުން ކޮމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ނަވީން ކަނޑައަޅާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ސީޕީ ޝުޖާއު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައި ނުވާއިރު، އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅުކުރައްވާފަ އެވެ.

އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.