މައްސަލަ އިތުރަށް ހޫނުވިޔަ ނުދޭން އިސްތިއުފާ ދިނުމަކީ އެންމެ ރީތި އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކަންކަމާ ޒިންމާ ނަގަން ނުވަތަ މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ.
"އަބަދުވެސް އިސްކަން ދޭންޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް،" ނަޝީދު ވިދާޅުވި އެވެ.
ސީޕީ ޝުޖާއު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައި ނުވާއިރު، އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅުކުރައްވާފަ އެވެ.
އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.