ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ފުރުވާލައިފި އެވެ.
ޔުމްނުގެ ފަރުވާ އަށް ސަރުކާރުން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިންއިރު، އާންމުންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ އިއްޔެ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.