މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.
ރައީސް މިރޭ އެ ކޮމިޝަން އުފެއްދެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
ގަރާރުގައި ރައީސް ވިދާޅުވީ އެ ކޮމިޝަން އުފެއްދެވީ މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށް ކަމަށެވެ.
ކޮމިޝަންގައި ހިމެނޭ މެންބަރުން:
ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުޙައްމަދު، ވ. އަލްމާން
ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ
އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސް ކަނޑައަޅުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސްގެ ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.
ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ވެސް ހިމެނެއެވެ. އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.