Last Updated: April 28, 11:42
Monday, April 28, 2025
ކުޅިވަރު

ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، 2021 ވަނަ އަހަރުގެ ފަހުން ބާސެލޯނާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސްޕެނިޝް ކަޕްގެ ތަށި 32 ފަހަރު ހޯދި ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ފައިނަލް މެޗުގެ 28 ވަނަ މިނެޓްގައި ބާސެލޯނާ އިން ލީޑުނެގީ ޕެޑްރީ ޖެހި ރީތި ގޯލުންނެވެ. ބާސެލޯނާގެ ލަމީން ޔަމާލް ދިން ބޯޅައަކުން، ޕެޑްރީ އޭރިއާބޭރުން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފުގައި ކިލިއަން އެމްބާޕޭ ކުޅެން އެރުމާއެކު ރެއާލްގެ އެޓޭކުތައް ވަރުގަދަވި އެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ހިލޭޖެހުމަކުން އެމްބާޕޭ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ހަތް މިނެޓް ފަހުން، އާޑާ ގުލާ ނެގި ކޯނަރަކަށް އަރައި، އައުރެލިއަން ޗުއަމެނީ ބޮލުން ގޯލު ޖަހައި، ރެއާލަށް ލީޑުނަގައިދިނެވެ.

ބާސާއިން ނަތީޖާ އެއްވަރުކުރީ ރެއާލްގެ ޑިފެންސް ފަހަތަށް ޔަމާލް ދިން ރީތި ޕާހަކުން، ރެއާލްގެ ކީޕަރު ކޯޓުއާ ކައިރިން ނައްޓާފައި ފެރަން ޓޮރޭޒް ޖެހި ގޯލުންނެވެ.

ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، ބާސެލޯނާ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. އެގޮތުން އޭރިއާބޭރުން ޖޫލްސް ކޫންޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ތިރީ ކަނަށެވެ.

މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހުން ފާޅުކޮށް، ރެފްރީއާ ދިމާލަށް އެއްޗެހި އުކުމުން ރެއާލްގެ ބެންޗުގައި ތިބި އެންޓޯނިއޯ ރުޑިގާ އާއި ލޫކަސް ވަޒްކޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.