އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަނގުރާމައެއް ފެށިފައިވާ ކަމަށާއި އޭގެ ސަބަބުން ކޮށްފާނެ އަސަރުތަކަށް ރާއްޖެ ތައްޔާރުވާންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އިންޑިއާއާ ޕާކިސްތާންގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ހަނގުރާމަވެރިން ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު މަރަލާފައިވާއިރު މީގެތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.
މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް)" އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.
ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމު ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން އަންނަނީ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ފުރިހަމަ ހަނގުރާމައެއް ފެށިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދެކުނު އޭޝިޔާއަށާއި، އިންޑިއާ ކަނޑަށާއި، އަދި ރާއްޖެއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އަދި އިޤްތިޞާދަށް ކޮށްފާނެ އަސަރުތަކަށް ތައްޔާރުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެތެރޭގައި އިންޑިއާ ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުން ހިމެނެ އެވެ.