ރާއްޖެ އިން މި އަހަރު ހައްޖަށް ދާން ހަމަޖެހިފައިވާ ހައްޖާޖީންގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
މިދިޔަ އަހަރެކޭ އެެއްގޮތަށް މި އަހަރު ވެސް މީހުން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ. ރާއްޖެ އަށް ލިބިފައި ވަނީ 1،000 ހައްޖު ކޯޓާ އެވެ.
ހައްޖާޖީން އަންނަ މަހުގެ ފަހުކޮޅު ސައޫދީ އަރަބިއްޔާ ފުރަން ފަށާ އިރު، ހައްޖާޖީންގެ ވިސާގެ އިންތިޒާމުތައް ފުރިހަމަވެފައިވާ ކަމަށާއި، ސަޢުދީގެ ހުރިހާ އިންތިޒާމުތައް ވެސް މިހާރު ފުރިހަމަވެފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެކޯޕަރޭޝަނުން ބުނީ ޙައްޖާޖީން ދަތުރަށް ފެށުމުގެ ކުރިން ދޭ ޓްރެއިން އާއި، މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިންގުމުގެ އިތުރަށް ކިޓު ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން މިހާރު ވެސް ހަފްތާއަކު ދެ ދުވަހު ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.
ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިން ފުރުމުގެ ކުރިން މައްކާ އަދި މަދީނާގައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކުގެ އިތުރުން މަޝާޢިރުގެ މަސައްކަތްތައްވެސް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށާއި، މިއަހަރު ޙައްޖަށްދާ 1000 ޙައްޖާޖީންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.
ޢަލީ ޝަރީފް ވިދާޅުވީ، ޙައްޖުވެރިން މައްކާއަށް ދިއުމަށް އެންމެ ފުރަތަމަ ފްލައިޓު މިއަންނަ މެއި މަހުގެ 26ގައި ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އޭގެ ކުރިން 16 މެއިގައި އެޑްވާންސް ޓީމެއް މައްކާއަށް ފުރާނެކަމަށްވެސް ޢަލީ ޝަރީފް ވިދާޅުވިއެވެ. މި ޓީމުގެ މައިގަނޑު މަޤްޞަދަކީ ޙާޖީންނަށް މަރުޙަބާ ކިއުމާއި އެންމެ ފަހުގެ އިންތިޒާމްތައް ހަމަޖެއްސުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ޙައްޖު ދަތުރުތައް ކުރިއަށްދާނީ ސަޢޫދީ އެއަރލައިންސް އަދި މޯލްޑިވިއަން އެއަރލައިންސްގެ ޖުމްލަ 4 ފްލައިޓުން ކަމަށާއި، މި ދަތުރުތައް 4 ދުވަހަށް ބެހިގެންދާނެ ކަމަށްވެސް ޑީއެމްޑީ ވިދާޅުވިއެވެ.
"ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތްކު ރަމުން ދަނީ ހައްޖާޖީންނަށް ވީހާވެސް ބޮޑު ލުއިތަކެއް ދެވޭތޯ." އޭނަ ވިދާޅުވި އެވެ.
ހައްޖާޖީންނަށް ހާއްސަކޮށްގެން މި އަހަރު ރާއްޖެއިން ގެންދާ ޑޮކްޓަރުންގެ އިތުރުން މައްކާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެހީތެރިކަން ވަގުތުން ލިބިގެން ދާނެ އިންތިޒާމްތައް ވެސް ހަމަޖެހިފައި ހުންނާނެ އެވެ. އަދި އަވަސް ފަރުވާ ދޭން ޖެހޭ ހާލަތްކަށް ހާއްސަކޮށްގެން ހައްޖާޖީން ތިބޭ ހޮޓަލުގައި ކްލިނިކެއް ވެސް މި ފަހަރު ގާއިމުކޮށްފައި ހުންނާނެ އެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ތެރޭގައި ސަރުކާރުގެ އެހީގައި ހައްޖަށް ގެންދާ 50 ފަގީރުން ހިމެނޭނެ އެވެ.