Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ޕްރެޒިޑެންޓްސް ކަޕުގެ ސެމީގައި އީގަލްސް އަދި ނިއުރޭޑިއަންޓް، އައްޑޫގެ ރައްޔިތުންގެ ސަޕޯޓް އެންމެ ބޮޑީ ކޮން ޓީމަކަށް ؟

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޝަރަފް

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަންޓާއި އީގަލްސް ބައްދަލު ކުރާ އިރު މިމެޗް އެތައް ގޮތަކުން އައްޑޫގެ ރައްޔިތުންނަށް ޙާއްސަ ވެގެން ދާނެއެވެ.

ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ އީގަލްސް އާއި ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއުރޭޑިއަންޓް ކުޅޭ އިރު ނިއުރޭޑިއަންޓަކީ އެޓީމަކަށް އައްޑޫގެ އެތައް ކުޅުންތެރިންނެއް ކުޅެފައިވާ ޓީމެކެވެ. އެގޮތުން އައްޑޫގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު އެއް ކުޅުންތެރިޔާ ކަމުގައިވާ ޝަމްވީލް ޤާސިމް (ބޮންޑާ) އަކީ ނިއުރޭޑިއަންޓަށް ކުޅެ އެކްލަބާއި އެކު ގިނަ ގުނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ބެލުމަށް ދަނޑަށް ހާޒިރުވީ މީހުންނަށް ވުރެ ގިނަ ބަޔަކު މިއަދު ދަނޑަށް ދާނެ ކަމަށް ބެލެވޭ އިރު އޭގެ ތެރެއިން، ގިނަ ބަޔަކީ ހަމަ ގައިމުވެސް ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ކަމަށް ބެލެވެއެވެ.

ނަމަވެސް އީގަލްސްގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވާ މޮޅު ކުޅުމާއި އެކު އެޓީމަށް ސަޕޯޓްކުރުމަށް ދާނެ މީހުންވެސް މަދުވާނެ ކަމަކަށް ނުބެލެވެެއެވެ.

" ޒުވާން ޖޯޝާއި އެކު އީގަލްސް ކުޅޭ ކުޅުން އަޅުގަނޑުމެންނަށް ވަރަށް ކަމުދޭ. އެހެން ކަމުން މިއަދު އަޅުގަނޑުމެން ސަޕޯޓްކުރާނީ އީގަލްސް އަށް" ފޭދޫއަށް ނިސްބަތްވާ ޒުވާނަކު ބުންޏެވެ.

ނިއުރޭޑިއަންޓަށް އައްޑޫގެ ކުޅުންތެރިން ކުޅެފައިވުމުން އެ ޓީމަށް އައްޑޫގެ ގިނަ ބަޔަކު ތާއީދު ކުރާ އިރު، އީގަލްސް އަކީ އައްޑޫގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ކުޅުނު ޓީމެވެ. އެހެންވެ ބަކާ ނިސްބަތްވާ ސަރަހައްދުގެ ޒުވާނުން މިއަދު ތިބީ އީގަލްސް އަށް ސަޕޯޓްކުރަން ދާ ގޮތަށެވެ.

"އަޅުގަނޑުމެންގެ ހީރޯ ބަކާގެ ޓީމް އީގަލްސް އަކީ. ބަކާ ނެތަސް އެޓީމަކީ އަޅުގަނޑުމެން ސަޕޯޓްކުރާ ޓީމް" ހިތަދޫގެ ޒުވާނަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ގިނަ ޒުވާނުން ބުނި ގޮތުގައި އެމީހުންނަށް ޕްރެޒިޑެންޓްސް ކަޕްގެ މެޗްތައް ބަލަން ނުދެވެނީ، ރަށު ޓީމް މިނިވަން50 މުބާރާތަށް ތައްޔާރުވާތީ އެކަމަށް އިސްކަންދޭން ޖެހުމުން ކަމަށެެެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފޯރި އައްޑޫގައި ނެތްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާއިރު، އެ ފޯރި އައްޑޫގައި އޮތްކަން މިއަދު އައްޑޫ ފުޓްބޯޅަ ދަނޑުން ފެނިގެންދާނެ ކަމަށް އައްޑޫގެ ޒުވާނުން ބުނެއެވެ.