Last Updated: April 29, 10:40
Tuesday, April 29, 2025
ޚަބަރު

ސޮނެވާފުއްޓަށް 44،000ރ. ގެ ޖޫރިމަނާއެއް

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އަދި އެ ސަރަޙައްދުގައި ޓޫރިސްޓުންނާ އެކު ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާތީ ސޮނެވާފުށި ރިސޯޓް ޖޫރިމަނާކޮށްފި އެވެ.

އެންބަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ސޮނެވާފުށީގެ މުވައްޒަފުންތަކެއް ގަވާއިދާ ހިލާފަށް އަމަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރި މަހުގެ 18 ގައި ކަމަށެވެ. އެގޮތުން ޓޫރިސްޓުންތަކެއް ހިމެނޭހެން، ޖުމްލަ 10 މީހަކު ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 6:00 ގެ ފަހުން ގަވާއިދާ ހިލާފަށް ވަދެ، އެތަނުގައި ގަވާއިދާ ހިލާފު ކަންތައްތަކެއްކޮށްފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ މުވައްޒަފުންތަކެއް ނެލިވަރު ސަރަޙައްދަށް ވަނީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ.

އެ ރަށަށް ވަދެ، ގަވާއިދާ ހިލާފަށްކޮށްފައިވާ ކަންކަމުގެ ތެރޭގައި އަލިވާގޮތަށް ރޭގަނޑު އެ ސަރަޙައްދު ދިއްލުމާއި، ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާފަދައިން ޢަމަލު ކުރުމާއި އަލިފާން ރޯކުރުން ހިމެނޭ ކަމަށް އީޕީއޭ އން ބުންޏެވެ.

އެތަނުން ބުނީ މި މައުލޫމާތު ލިބިގެން ބަޔޯސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލުންނާއި ފުލުހުން ޑިސެމްބަރު 18 ގައި ނެލިވަރަށް ގޮސް، ސޮނެވާފުށީގެ ޓީމު އެ ސަރަޙައްދު ދޫކޮށްދިޔުމަށް އެންގި އެންގުމަށް ވެސް ތަބާވެފައި ނުވާ ކަމަށެވެ. އަދި އެ މީހުން ސަރަޙައްދު ދޫކޮށް ދިޔައީ އެ ސަރަޙައްދުގައި ކުރިޔަށް ގެންދިޔުމަށް ރޭވި ކަންކަންކޮށް ނިންމުމަށް ފަހު ކަމަށެވެ.

އަދި އެ ފަރާތުން މި އެޖެންސީއަށް ފޮނުވާފައިވާ ސިޓީ ގައި 18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ބޭފުޅުން ބ. ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވާކަމާއި، އެ ސަރަޙައްދަށް ވަދެފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަމާއި، އެ ސަރަޙައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަމާއި، އެ ސަރަޙައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަމަށް އިޢުތިރާފްވެފައިވެއެވެ.

އެހެންވެ ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އަދި އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ ޤާދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނާ ހިލާފުވެފައިވާތީ 44،8375ރ. ޖޫރިމަނާކޮށްފައިވެ އެވެ.

އަދި އެ ފައިސާގެ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް އަންގާފައިވެ އެވެ.