Last Updated: April 29, 10:53
Tuesday, April 29, 2025
ޚަބަރު

ރައީސް މެލޭޝިއާ އަށް ފުރާވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.

މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއީ މިއަދުން ފެށިގެން މި މަހުގެ 30 އަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެ ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ މެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާ މެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި އެ މަނިކުފާނު ތަޤުރީރު ވެސް ކުރައްވާނެއެވެ.

މި ދަތުރުގެ ތެރެއިން މެލޭޝިއާގައި އުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ މި ދަތުރުގައި މިނިސްޓަރުންނާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.