ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ބެހޭ ކަންކަން ތަހުގީގު ކުރަން އުފެއްދި ކޮމިޝަންގެ މަސައްކަތަޑް ބޭނުންވާ ފުރިހަމަ ބާރުވެރިކަން ވެސް ދެއްވާފައިވާ ކަމަށެވެ.
"ކޮމިޝަނަށް ވަރަށް ގިނަ ބާރުތައް ދީފައި ވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ. "ވަރަށް އަވަހަށް ކަމުގެ ޙަޤީޤަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުން ވަނީ."
ކޮމިޝަންގައި ހިމެނޭ މެންބަރުން:
* ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
* ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުޙައްމަދު، ވ. އަލްމާން
* ޑރ. މުހައްމަދު ހަބީބު، އައްޑޫ، ހިތަދޫ، ސީސަންމާގެ
އެ މަނިކުފާނު ވިދާޅުވީ އިންސާފު ޤާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމަށާއި ބޭނުން ވަނީ އިންސާފާއި އަދާލަތު ޤައުމުގައި ގާއިމު ކުރަން ކަމަށެވެ.
"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތު ކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް،" ރައީސް ވިދާޅުވި އެވެ. "ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުން ވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް."
ފުރާޅެއްގެ މައްޗަށް ވެއްޓުނު ޔުމްނު ރަޝީދަށް އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ސަރުކާރުގެ ހަރަދުގައި ރޭ ވަނީ މެލޭޝިއާ އަށް ފޮނުވައިފަ އެވެ.
މި ހާދިސާއާ ގުޅިގެން 8 ޒުވާނެއްގެ ޕާސްޕޯޓާއި ފޯނު ވެސް ހިފަހައްޓާފައިވާ އިރު، އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.