މީގެ ގަރުނަކަށް ވުރެ ގިނަ ދުވަސް ކުރިން އެޓްލާންޓިކް ކަނޑަށް ފެތުނު "ޓައިޓޭނިކް" އިން ސަލާމަތްވި މީހަކު ލިޔުނު ސިޓީއެއް ނީލަމެއްގައި ރެކޯޑް އަގަކަށް ވިކިއްޖެ އެވެ.
އިނގިރޭސިވިލާތުގެ އޮކްޝަން ހައުސްއެއް ކަމަށްވާ ހެންރީ އަލްރިޖްޑް އެންޑް ސަން އިން އިންތިޒާމުކޮށްގެން ބޭއްވި ނީލަމުގައި އަތުން ލިޔެފައިވާ ސިޓީ މިއަދު ވިކުނީ 300،000 ޕައުންޑް (400،000 ޑޮލަރު) އަށެވެ. ނަމަވެސް ސިޓީ ގަތް މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ.
ސިޓީ އަށް ލިބުނު އަގަކީ އެއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަގަށް ވުރެ ފަސްގުނަ ބޮޑު އަަގަކަށެވެ. މި މަހުގެ 10 ގައި ހުޅުވައިލި ނީލަމުގައި ސިޓީ ވިކޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ 60،000 ޕައުންޑް (80،000 ޑޮލަރު) އެވެ.
އެ ސިޓީ އަކީ އެމެރިކާގެ ނިއު ޔޯކަށް ދާން އިނގިރޭސިވުލާތުގެ ސައުތުހަމްޓަމް އިން "ޓައިޓޭނިކް"، ދަތުރު ފެށި ދުވަސް ކަމަށްވާ އެޕްރީލް 10، 1912 ގައި ލިޔުނު ސިޓީއެކެވެ. ސިޓީ ލިޔުނީ ކާނަލް އާޗިބޯލްޑް ގްރޭސީ ކިޔާ މީހެކެވެ. އޭނަގެ މި ސިޓީ ލިޔުނު ތާރީހަކީ "ޓައިޓޭނިކް" ބިޔަ ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އެޓްލާންޓިކް ކަނޑަށް އަޑިއަށް ދިއުމުގެ ފަސް ދުވަސް ކުރި އެވެ.
އެ ހާދިސާ ހިނގީ އެޕްރީލް 15، 1912 ގަ އެވެ. "ޓައިޓޭނިކް" ގެ އެ ހިތާމަވެރި ހާދިސާ ހިނގި އިރު، ބޯޓުން 2،200 އެއްހާ މީހުން ދަތުރުކުރި އެވެ. އަދި އޭގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ގްރޭސީ އަކީ "ޓައިޓޭނިކް" އިން ސަލާމަތްވި މަދު މީހުންގެ ތެރެއިން އެކެކެވެ، އޭނަ މަރުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް ޑިސެމްބަރު 2، 1912 ގައި ކޯމާއަކަށް ގޮސް، ހަކުރުބަލީގެ ކޮމްޕްލިކޭޝަންތަކެއްގައި އެ މަހުގެ 14 ގަ އެވެ. ގްރޭސީ އަކީ "ޓައިޓޭނިކް" ގެ ތަޖުރިބާ "ދަ ޓުރުތު އެބައުޓް ދަ ޓައިޓޭނިކް" ގެ ނަމުގައި ފޮތެއްގެ ސިފައިގައި ވެސް ގެނެސްދީފައިވާ މީހެކެވެ.
މީގެ 113 އަހަރު ކުރިން ފެތުނު "ޓައިޓޭނިކް" އިން ފެނުނު އެތައް އެއްޗެއް މިހާތަނަށް ނީލަންތަކުގައި ވިއްކާފައިވާ އިރު، އެކިއެކި ތަކެެއްޗަށް ބޮޑެތި އަގުތައް ލިބިފައިވެ އެވެ.
މި ފަހުގެ ޖީލަށް "ޓައިޓޭނިކް" ގެ ހަނދާންތައް އާކޮށް ދީފައި ވަނީ ހޮލީވުޑުން 1997 ގައި އެ ނަމުގައި ގެނެސްދިން މަޝްހޫރު ފިލްމުންނެވެ.