Last Updated: April 29, 11:52
Tuesday, April 29, 2025
ޚަބަރު

ޒުވާނުންގެ ކަންބޮޑުވުންތައް އަޑު އަހާނަން: ރައީސް

ޒުވާނުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި، ޝުޢޫރުތައް އަބަދު ވެސް އަޑުއައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި ފުރުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އެ މަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށާއި، އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.

އެހެންވެ ރައްޔިތުންގެ ކަންވޮޑުވުންތަކާއި ޝުޢޫރުތައް އަޑުއެއްސެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއައްސަވާނީ ވެސް، އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީ ވެސް، އަދި އެކަންކަމާ ގުޅޭ ފިޔަވަޅުތައް އަޅުއްވާނީވެސް ތަހުޒީބުކަމާ އެކީގައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުޢޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ. އަދި ފަރުދީ، ޖަމާޢީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށާއި އެކަން ކަށަވަރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.