ފާއިތުވި މަހެއްހާ ދުވަހަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ހިތާމަވެރި އެތަކެއް ހާދިސާތަކެއް ވަނީ ހިނގައިގެން ގޮސްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން، ދިމާވި ކަނޑުމަތީގެ ހާދިސާތަކުގައި އެތައް ބަޔެއްގެ މުދަލަށް ގެއްލުން ލިބިފައިވާއިރު އެތައް ބަޔަކު ކަނޑު މަތިވެފައިވެއެވެ.
އަދި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި، ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ކޮންމެ ދުވަހަކު ނޫސްތަކަށް ބަލާލުމުން އަޅުގަނޑުމެންނަށް ފެނިގެން ދަނީ ހިތާމަވެރި މިފަދަ ޚަބަރުތަކެކެވެ. ޓީވީ އާއި ރޭޑިޔޯ އިން އަބަދުވެސް ކިޔަމުން ދަނީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގައިގެން އެކަމާއި ގުޅޭ ޚަބަރުތަކެވެ.
އެހެން ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާތަކާއި މެދު ވިސްނައި ފިކުރު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ކަމެއް ނޭނގެއެވެ. ދުނިޔޭގައި ހިނގާ ކޮންމެ ކަމަކީ ވެސް އެކަމަކާއި މެދު އަޅުގަނޑުމެން ވިސްނައިފި ނަމަ އެތަކެއް ޢިބްރަތްތަކެއް ޙާސިލްވެގެން ދާނެ ކަންކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ބުއްދީގެ ބޭނުން އޭގެ އެންމެ ރަގަޅު ގޮތުގައި ހިފާކަށް ބޭނުމެއް ނުވެއެވެ.
މާތް ﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ ކީރިތި ޤުރުއާން ކަމަށާއި، ދީނުގައި ނަހީ ކުރައްވާފައިވާ ކޮންމެ ކަމަކީ އިންސާނިއްޔަތަށް ގެއްލުމާއި ހަލާކު ހުރި ކަންތައްތައް ކަމާއި އަދި އެކަލާނގެ ހުއްދަ ކުރައްވާފައިވާ ކޮންމެ ކަމަކީ އެކަމުން މަންފާ ހުރި ކަމެއް ކަމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކަށް ވެސް އެނގެއެވެ.
އަދި ހަމަ އެހެންމެ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ހުކުމްތަކަކީ އިންސާނީ ދިރިއުޅުން ހަމަޖެހުމައެކު އާރާސްތު ކުރުމަށް ކަނޑައަޅުއްވާފައިވާ ހުކުމްތަކެއް ކަމަށާއި، އެ ހުކުތަކަށް ފުރަގަސްދީ ކުފުރުވެރިވެގެންފި ނަމަ މާތްﷲގެ ރިޒުގު ބަންދުވެ ކޯފާއަށް ހުށަހެޅިގެންދާނެ ކަން ވެސް އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެނގެއެވެ.
ނަމަވެސް ދުނިޔަވީ އެދުންތަކަށް ހެއްލުމުގެ ސަބަބުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ﷲ ތަޢާލާ ނަޙީކުރައްވާފައިވާ ކަންކަމަށް އަރައިގަންނަމުން މިދަނީ އެއްވެސް ޖެހިލުމެއް ނެތް ކަހަލަ ގޮތަކަށެވެ.
މާތްﷲގެ ބަސްފުޅުތަކާއި ހުކުމުތަކަށް ދެކޮޅު ހަދާ ނަމަ އެބަޔަކަށް ކޯފާ ހައްގުވެގެންވާ ކަން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކުން ސާބިތުވެފައިވާއިރު އަޅުގަނޑުމެން ﷲގެ ކޯފާއަށް ބިރު ނުގަންނަނީ ބާވައެވެ؟
އަޅުގަނޑުމެންނަށް ވުރެ އެތައް ގޮތަކުން ބާރުގަދަ އުންމަތްތަކުގެ މީހުން، އެމީހުން ކުރި ފާފަތަކުގެ ސަބަބުން އެމީހުން ނެތި ކުރެއްވިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ﷲ ތަޢާލާގެ ކޯފާގެ ކުރިމަތީގައި އަޅުގަނޑުމެން މި ނިކަމެތި އިންސާނުން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟
ކުޑަ ހިނދުކޮޅެއްގެ އުފަލައްޓަކާ އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލުމަށް ފަހު އަޅުގަނޑުމެންގެ މުޖްތަމަޢްގައި ބައެއް މީހުން ހިންގަމުންދާ ފާޙިޝް ޢަމަލްތައް ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ޢީދުގެ އުފަލުގެ ނަމުގައި އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައް ތަކަށް އަރައިގަންނަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
އެކަމާއި މެދު އެއްޗެއް ވިދާޅުވާ، ޢިލްމުވެރިންނަކީ މިއަދު އަޅުގަނޑުމެންނަށް "ސޭކު" މީހެއްގެ ގޮތުގައި ވެފައިވުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ގިނަ ބަޔަކު މަސައްކަތް ކުރަމުން ދަނީ ދީނީ ޢިލްމުވެރިން ދެއްވާ ނަސޭޙަތުގެ ބަސްތައް އަޑުއެހުމުގެ ބަދަލުގައި އެބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެވޭތޯއެވެ. ނުވަތަ އެބޭފުޅުންގެ ބަސްތައް ދޮގު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ.
ނަމަވެސް އަޅުގަނޑުމެން ދުނިޔަވީ އެދުންތަކަށް ދަހިވެތިވުމުގެ ސަބަބުން ދޮގު ކުރެވެނީ ﷲ ތަޢާލާގެ ބަސްފުޅުކަން ވެސް އަޅުގަނޑުމެންނަކަށް ނޭނގެއެެވެ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ވެސް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ލޯމަތިން ހިނގަމުންދާ ކަންތަކަށް ބަލާލުމުން ﷲ ތަޢާލާގެ ކޯފާއެއް އަޅުގަނޑުމެންގެ މައްޗަށް އަތުވެދާނެ ކަމަށް ހިތުގައި ބިރުވެރިކަން އުފެދުމުން، އަޅުގަނޑުގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް ތައުބާވުމަށް ހަނދާން ކޮށް ދިނީއެވެ.
އަޅުގަނޑުގެ ދުޢާއަކީ، ﷲ ތަޢާލާ އަޅުގަނޑުމެން ރާއްޖޭ ހުރިހާ ރައްޔިތުންނަށް ތެދުމަގު ދައްކަވައި އިބައިލާހު އެންގެވި ގޮތަށް ޢަމަލްތައް ބަހައްޓާ ސާލިޙް އަޅުންތަކެއް ކަމުގައި ލެހެއްޓެވުމެވެ. އަދި އަޅަމެންގެ ޤައުމުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މަތީގައި ދެމިތިބުމަށް މި ޤައުމުގެ ރައްޔިތުންނަށް ބާރު އަޅާނެ ވެރިންތަކެއް ކަމުގައި ލެއްވުމެވެ. އާމީން !