Last Updated: April 29, 11:33
Tuesday, April 29, 2025
ޚަބަރު

ލިންކް ރޯޑް މަރާމާތަށް 10 ޓަނުގެ ތާރު ހޯދަނީ

އައްޑޫ ލިންކްގް ރޯޑްގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމަށްޓަކައި މި ވަގުތަށް ބޭނުންވާ 10 ޓަނުގެ ތާރު ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ ބީލަން ހުށަހަޅާ ކުންފުނި/ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.

އައްޑޫ ލިންކް ރޯޑުގެ ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވެ އެވެ. އެ މަގުގެ މަރާމާތަށް ތާރު ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލި އިރު، ސަރުކާރުން އޮތީ އައްޑޫ ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި މަހުގެ 8 ގަ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ހުޅުވި މަގެކެވެ.