ބޮލީވުޑްގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" އެންމެ ފަހުން ތާވަލުކުރި ގޮތާ ހިލާފަށް އަންނަ އަހަރުގެ މާޗްގައި ރިލީޒް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ފިލްމުގެ ޝޫޓިން އަށް އައި ލަސްވުންތަކާ ހެދި، ކުރިން ރޭވި ގޮތަށް ފިލްމުގެ މަސައްކަތް އެެއްކޮށް ނިންމަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ ބަންސާލީ މިހާރު ޕްލޭން ކުރަނީ އަންނަ އަހަރުގެ އޮގަސްޓް 14 ގައި ފިލްމު ބެލުންތެރިންނަށް ގެނެސްސްދެވޭތޯ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.
އެ ތާރީހަށް ފިލްމު ތާވަލުކޮށްފި ނަމަ ބޮޑު އެހެން ފިލްމަކާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ވެސް ދާން ޖެހޭނެ އެވެ. އެއީ ކާތިކް އާރިއަން ހިމަނައިގެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ގެނެސްދޭން ނިންމާފައިވާ "ނާގްޒިއްލާ" އެވެ. އެ ފިލްމު އަންނަ އަހަރުގެ އޮގަސްޓް 14 އަށް ތާވަލުކުރިކަން އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ.
"ނާގްޒިއްލާ" އަކީ ކާތިކް ހަރުފައަކަށް ބަދަލުވާ މީހެއްގެ ރޯލުން ފެންނާނެ ފިލްމެކެވެ.
އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީގެ "ލަވް އެންޑް ވޯ" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މީގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ.
"ލަވް އެންޑް ވޯ" އަކީ އެންމެ ފުރަތަމަ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ޕްލޭންކުރި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ތާރީހާ ގުޅޭ ގޮތުން ބަންސާލީ އަދި ރަސްމީކޮށް ވަކި ގޮތެއް ނުނިންމަ އެވެ.