ތަނަަވަސްކަން ކުޑަ އާއިލާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އެމެރިކާގެ މަހުޖަނު މާކް ޒަކަބާގާއި އަންހެނުން ޕްރިސީލާ ޗެން ކެލިފޯނިއާގައި ހުޅުވި ޕްރައިމަރީ ސްކޫލް ބަންދުކުރަން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނެނީ ޒަކާބަގަކީ ފޭސްބުކް ހިންގާ ކުންފުނި، މެޓަގެ ވެރިޔާ އެވެ.
އެ ސްކޫލަކީ ޒަކަބާގާއި އަންހެނުން ހިއްސާވާ ފައުންޑޭޝަން، ޗެން ޒަކަބާގް އިނިޝިއޭޓިވް (ސީޒީއައި) އިން 2016 ގައި ކެލިފޯނިއާގައި ހުޅުވި ސްކޫލެކެވެ.
ހިލޭ ކިޔަވައި ދެމުން އަންނަ ސްކޫލް ބަންދު ކުރަން ނިންމާފައި ވަނީ މި އަހަރުގެ ދިރާސީ އަހަރު ނިންމާލައި އަންނަ އަހަރުގެ ދިރާސީ އާ އަަހަރު ފެށުމާ ދިމާކޮށެވެ. އެކަން މިހާރު އޮތީ ބެލެނިވެރިންނަށް ވެސް އަންގައިފަ އެވެ. ސްކޫލް ބަންދުކުރާތީ އެކަމުގެ ސަބަބުން ބެލެނިވެރިންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި އެހީގެ ގޮތުގައި ދޭން 50 މިިލިއަން ޑޮލަރުގެ ފަންޑެއް ވެސް މިހާރު އޮތީ ކަނޑައަޅައިފަ އެވެ.
ސްކޫލް ބަންދު ކުރަން ނިންމުމާ ގުޅޭ ގޮތުން ސީޒީއައި ނެރުނު ބަޔާނެއްގައި ބުނީ ސްކޫލް ބަންދު ކުރަން ޖެހުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް ސްކޫލް ބަންދު ކުރަން "މަޖުބޫރުވި" ސީދާ ސަބަބުތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އެކަމަކު ބައެއް މީޑިއާތަކުން ބުނީ ޒަކަބާކްގެ ސްކޫލް ބަންދު ކުރަން ނިންމީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ޒައާމަތުގައި، ޓެކް ކުންފުންޏެއްގެ ހައިސިއްޔަތުން މެޓަގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ރާވާފައިވާ ހުރި ޕްލޭންތަކާ ގުޅިގެން ކަމަށެވެ.