ސަސްޕެންޝަނުގައި މިވަގުތު ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރޭ ބާއްވަން ތާވަލުކުރި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8 ޖަހާއިރު އެވެ. ނަމަވެސް ވަކި ސަބަބެއް އެންގުމެއް ނެތި އެ ޖަލްސާ މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އަދި އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ދާދިފަހުން ވަނީ ގޮވާލައިފަ އެވެ.