Last Updated: April 29, 10:53
Tuesday, April 29, 2025
ޚަބަރު

ރައީސަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސްޑރ. މުޙައްމަދު މުޢިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީކޮށް މިއަދު މަރުޙަބާ ދަންނަވައިފިއެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުން މެލޭޝިއާގެ ޕުޓުރާޖާޔާގަ އެވެ.

ރައީސް ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓްކޮށް ދެއްވައިފައެވެ. އަދި އެއަށް ފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެ އެވެ.

އެ ރަސްމިއްޔާތުގައި، ރައީސަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތަޢާރަފުކޮށްދެއްވި އެވެ. އަދި ދެ ޤައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށް ފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވި އެވެ.

ރައީސް މެލޭޝިއާ އަށް އިއްޔެ ފެއްޓެބި ރަސްމީ ފުރަތަމަ ދަތުރުގައި އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރު ނިންމަވައިލައްވާނީ ބުރާސްފަތި ދުވަހު އެވެ.