Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

ޝަންގްރިއްލާ އަލުން ހުޅުވަން މަޝްވަރާކޮށްފި

އައްޑޫ ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމާއި އައްޑޫއަށް ދަތުރުފަތުރު ފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ޝަންގްރިލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމާއި، އައްޑޫއަށް ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރުކޮށް ފަސޭހަކުރުމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ރިސޯޓް ހުޅުވުމާއެކު އައްޑޫއަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ވެސް ހުޅުވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

ޝަންގްރިލާގެ ފަރާތުން ސެމުއެލް ލިމް ޔޮންގް ޕެންގް ވިދާޅުވީ، މި މަޝްރޫޢުގައި ކުރިއަށް ދާން ބޭނުންވަނީ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށާއި އައްޑޫއަށް ދަތުރުފަތުރު ފަސޭހަވެގެން ދިއުމަކީ މި މަޝްރޫޢުގެ ކާމިޔާބަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބައިނަލްއަޤްވާމީ ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނުއިރު، މިކަމުގެ ސަބަބުން އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އައްޑު އަށް މި ވަގުތު ދަތުރުކުރާ ބޭރުގެ ހަމައެކަނި އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އަދި އައްޑޫގައި ތިން ރިސޯޓެއް ހިންގަމުން އަންނަ އިރު، ގެސްޓްހައުސްތަކެއް ވެސް ހިންގަ އެވެ. އައްޑޫގައި ހިންގަމުން އަންނަ ތިން ރިސޯޓަކީ ކެނަރީފާއި ސައުތު ޕާމްގެ އިތުރުން އީކްއޭޓާ ވިލެޖެވެ.