Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

ބައެއް މިނިސްޓަރުންނަށް އުޅެނީ ސައިޒް އޮޅިގެން: އައްބާސް

މި ސަރުކާރުގެ ބައެއް މިނިސްޓަރުން އުޅުއްވަނީ "ސައިޒް އޮޅިވަޑައިގެން" ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީ، ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ ބައެއް މިނިސްޓަރުން "ސައިޒް އޮޅުވަޑައިގެންފައިވާތީ" ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއް ކޮންމެ ބޭފުޅަކު ވެސް ވިދާޅުވެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް މިނިސްޓަރު އިހުތިރާމު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ބައެއް މިނިސްޓަރުން މިހާރު އުޅުއްވަނީ މަޖިލިސް މެންބަރުންގެ ފޯނު ކޯލުތަކަށް ވެސް ޖަވާބުދާރީވެވަޑައިނުގަންނަވައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވެސް ހާޒިރުވެވަޑައިނުގެން ކަމަށެވެ.

"ވަޒީރުންނަކީ މިއަދު ވަޒީރުންގެ ޓައި އަޅުއްވައިގެން އުޅުއްވި ކަމުގައިވިޔަސް އަދި ދިދަ ޖެހި ކާރުކޮޅުގައި އުޅުއްވި ކަމުގައިވިޔަސް ވަޒީރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސައިޒުވެލަން،" އޭނަ ވިދާޅުވި އެވެ. "ތިމާމެން މާދަމާ ވަޒީރުކަމުގައި ނުހުރެދާނެކަމާއި ވަޒީރުކަމާ ހަވާލުކޮށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކޮށްފި ނަމަ ވަޒީރުން ގެއަށް ފޮނުވައިލަފާނެ ކަމާ މިކަންކަން އެބަޖެހޭ ވަޒީރުން ވަރަށް ބޮޑަށް ވިސްނަން."

އައްބާސް ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާ އަދާ ކުރަން ވަޒީރުން ފުރުސަތު ނުދެއްވާ ނަމަ އެ ބޭފުޅުންނަށް ވަރަށް ގިނަ ދުއްތުރާތައް ކުރިމަތިވާނެ ކަމަށެވެ.

"ބައެއް ވަޒީރުން އެ ބޭފުޅުންނަކީ މާމަތީ ބައެއް ކަމަށް، މާބޮޑު އަބުރަކާއި އިއްޒަތަކާއި ގަދަރުވެރިކަމަކާއި ޝަރަފަކާއި ޖާހަތަކާ ލިބިގަނެގެން އުޅޭ ބައެއް ކަމަށް ހެދިގަނެގެން އުޅެނީ އިއްޒަތްތެރި ރައީސް، އެހެނެއް އެކަން ވެގެން ނުވާނެ،" އޭނަ ވިދާޅުވި އެވެ.
"ވެރިކަން ކުރާ ޕާޓީން ވެސް ވަކި ވަރަކަށް އެ ވަޒީރަކު ހިމާޔަތް ކުރާނީ. ކެތް ނުވާވަރުވީމާ ހަފޮޅުން ބޭރުކޮށްލާނެ."

އައްބާސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ހިނގަމުން އަންނަނީ ރަނގަޅަށެވެ. އެކަމަކު ބައެއް މިނިސްޓަރުން މަޖިލީހަށް ހާޒިރު ނުވުމުގެ އިތުރުން ބިލުތައް ބަލައިލާނެ ފުރުސަތު ނުލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.