ސަންވޭ ގްރޫޕުގެ ފައުންޑާ އަދި ޗެއާމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ރައީސް ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސްއާ ޙިއްޞާކުރައްވާފަ އެވެ. އަދި ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ޚާއްޞަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ މުޢާމަލާތްތަކާއި އަދިވެސް އެހެނިހެން މިދާއިރާއާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފަ އެވެ.
މީގެއިތުރުންވެސް، ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.