Last Updated: April 29, 20:44
Tuesday, April 29, 2025
މުނިފޫހިފިލުވުން

ޝާހްރުކްގެ 'ކިންގް' ގެ ޝޫޓިން މެއި 18 ގައި

ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ޝޫޓިން އަންނަ މަހުގެ 18 ގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް ތޭވީހުގެ ފަހުކޮޅުން ފެށިގެން މި ފިލްމުގެ ވާހަކަ ދެކެވުން އަންނަ އިރު، މިދިޔަ އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނެ ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. ނަމަވެސް "ކިންގް" ގެ ޝޫޓިން އޮތީ ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.

އެކަމަކު ޑައިރެކްޓަރު ސިދާތު އާނަންދު ދާދި ފަހުން ވަނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާނެކަން ކަށަވަރުކޮށް ދީފަ އެވެ.

އެގޮތުން "ކިންގް" އާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޝޫޓިން މި މަހުގެ 18 ގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ވެ ނިމިފަ އެވެ. އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ފިލްމު ޝޫޓްކުރާނެ އެވެ.

"ކިންގް" ރަސްމީކޮށް އިއުލާން ނުކުރާތީ މީގެ ކާސްޓް އަދިވެސް މުޅިއަކުން ކަށަވަރެއް ނުވެ އެވެ. އެކަމަކު ފިލްމުގެ ވަރަށް މުހިއްމު ރޯލެއް ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ކުޅޭނެކަން ކަށަވަރެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ކިންގް" ގެ ކާސްޓުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، އަރުޝަދު ވަރްސީ އަދި ޒުވާން އެކްޓަރު އަބޭ ވަރުމާ ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސިދާތަކީ ޝާހްރުކާއި ދީޕިކާގެ 2023 ގެ "ޕަތާން" ގެ ވެސް ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާއާ އެކު ގެނެސްދިން "ފައިޓާ" އެވެ.

"ކިންގް" އަކީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.