ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާ އިން ވަޑައިގެން ރަސްމީ ފާލަމަށް ލޯންޗުކޮޅު ކައިރިކުރަނިކޮށް "އެއްޗެއް" ގޮވައިފި އެވެ. ރައީސް ޔާމީން މިހާރު ވަނީ ކައިރީގައި އޮތް ޕޮލިސް ލޯންޗަށް ވަގުތުން އަރުވައިފަ އެވެ.
މި ހާދިސާގައި އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ހައްޖަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީން މާލެ ވަޑައިގެން ލޯންޗުކޮޅު ފާލަމާ ކައިރިކުރި ތަނާހެން ކުރިމަތިވި މި ގޮވުމާ އެކު، ނޫސްވެރިންނާއި އެވަގުތު ފާލަމުގައި ތިބި އެންމެން ވަނީ ދުރަށް ޖައްސައިފަ އެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާދިސާގައި ރައީސް ޔާމީނާއި އިތުރު މީހުންތަކަކަށް ވަނީ އަނިޔާވެފައެވެ. ބާރުއަޑަކާއެކު ލޯންޗް ތެރެއިން އެއްޗެއް ގޮވުމާއެކުހެން ލޯންޗުގެ ތެރޭގައި ތިބި ބޭފުޅުންގެ ރުއިމުގެ އަޑާއި ހަޅޭކުގެ އަޑު އިވުނު ކަމަށް އެވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީ އިން އެނބުރި ވަޑައިގެން އިއްޒުއްދީން ފާލަމުގައި ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ރައީސް އިންނެވި ލޯންޗްގައި ހިނގި ހާދިސާގައި އެމަނިކުފާނަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މައުލޫމާތު ދީފައެވެ.