Last Updated: November 25, 05:48
Monday, November 25, 2024

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިއަދު ހަވީރު ކޯހެރޭ ކެފޭ ކައިރީގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މުޙައްމަދު އަފްޒަލް، 21 އަށެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްޒަލްގެ ބޯލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އޭނާއަށް މިވަގުތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ލިންކް ރޯޑުން ސައިކަލް ދުއްވާފައި ދަނިކޮށް ގޯޅިއަކުން ކުއްލިއަކަށް ނިކުތް ކާރެއް ފެނިގެން ބުރަކި ޖައްސާލުމުން ސައިކަލް ކަހާލައިގެން ގޮސް ކަމަށެވެ.

މި އެކްސިޑެންޓުގައި އަފްޒަލްގެ އިތުރުން ސައިކަލް ދުއްވަން އިން ޒުވާނާއަށް ވެސް ވަނީ އަނިޔާވެފައެވެ. އެހެން ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.