ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓާފައި ހުރި މީހަކު، ތުނިކޮށް ބޯކޮށުމަށް ޝަރުތުކުރުމަށް ފަހު ބަންދުން ދޫކޮށްލައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 3 ދުވަހުގެ ތެރޭގައި ތުނިކޮށް ބޯކޮށުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުންނެވެ.
ގަމު މުކުރިމަގު އަވަށު ބީޗްހައުސް ހުސައިން ރިޔާޒް ބަންދުން ދޫކޮށްލުމަށް އެ ކޯޓުން ކޮށްފައިވާ ޝަރުތުގައި ބުނެފައިވަނީ، 3 ދުވަހުގެ ތެރޭގައި ތުނިކޮށް ރީތިކޮށް ބޯކޮށުމެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ، "ޝަރުތުކޮށްފައި ދޫކޮށްލުމުގެ އިޤްރާރް" ގައި ރިޔާޒް ސޮއި ކުރި ނަމަވެސް، އޭނާގެ ފަރާތުން އެ މައްސަލަ މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމިކަމެއް ސާފެއް ނުވެ އެވެ.
ގަމު ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރު ކުރެއްވި ޝަރުތުގެ ލިޔުމުގައިވާ ގޮތުން އެ ޝަރުތުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.
"ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ ދަށުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމުގެ ބާރު ފަނޑިޔާރުންނަށް ލިބިފައިވެއެވެ. އެހެން ނަމަވެސް އެ މާއްދާގެ ދަށުން ބޯކޮށުމަށް ޝަރުތެއް ނުކުރެވޭނެއެވެ.
"ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ޝަރުތުތައް:
1- ރަށުން ބޭރަށް ފުރައިގެން ނުދިޔުން
2- ރަށުގެ ވަކި ސަރަހައްދަކަށް ނުދިޔުން
3- ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ވަކި ތަނަކަށް ހާޒިރުވެ ސޮއި ކުރުން.
4- އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ ކަނޑައެޅޭ ވަކި އިދާރާއަކަށް އެންގުން