މަރަދޫފޭދޫ މުސްކުޅިންގެ ޕާކްގައި ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން އައްޑޫގައި ގާއިމުކޮށްގައިވާ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަރަދޫފޭދޫ ލިންކްރޯޑާ އިންވެގެން އޮންނަ ޕާކަކީ އެ އަވަށުގެ މުސްކުޅިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި އޮންނަ ތަނެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިފަދަ އިއުލާނެއް ހައުސިން މިނިސްޓްރީގެ ފަރާތުން ނެރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މަރަދޫފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެފަދަ އިއުލާންތައް މީގެ ކުރިން ވެސް އެތަނުގައި ހަރުކުރަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، އެތަން މިހާރު ފެންނަނީ މުސްކުޅިން މުނިފޫހިފިލުވާ ތަނަކަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މަރަދޫފޭދޫ އިން ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުނި ގޮތުގައި އެތަނުގައި ހިންގާ ސިޔާސީ ހަރަކާތަކީ، ހަމައެކަނި "ރާއްޖެ ޓީވީ ބެލުން" ކަމަށެވެ.
" ހައުސިން މިނިސްޓްރީ އިން އެ ބުނާ ސިޔާސީ ހަރަކާތަކީ ރާއްޖެ ޓީވީ ބެލުން. ދެން ދޭތެރެއަކުން އެމްޑީޕީ މީހުން އެއްވޭ މިތަނަށް. އެމީހުން މިހިސާބުގައި އެއްވުމަކީ އަހަރުމެންގެ ކުށެއް ނޫން " އޭނާ ބުންޏެވެ.
މަރަދޫ ފޭދޫ މުސްކުޅިންގެ ޕާކުގައި ދޭތެރެއަކުން އެމްޑީޕީގެ ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވައެވެ. އެކަމަކު އެތަނުގައި އެފަދަ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
“ވީމާ މިއަދުން ފެށިގެން ޕާކްގައި ހުއްދަ ނަގަން ޖެހޭ ފަރާތްތަކުގެ ހުއްދަ ނުހޯދައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.” ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން އިއްޔެ ނެރުނު އިއުލާނުގައިވެ އެވެ.