ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީޢަތަކީ ޤާނޫނާއި ޚިލާފް ޝަރީއަތެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓެރީ ޑިޓެންޝަން (ޑަބުލިއުޖީއޭޑީ) އަށް ހުށަހެޅުއްވި ކަންކަމަށް ރިއާޔަތް ކުރެވެން ޖެހޭނެ ކަމަށް ޑަބުލިއުޖީއޭޑީ އިން ނިންމި ކަމުގައި ވިޔަސް އެކަން ރާއްޖެ އިން ބަލައިގަންނަން ނުޖެހޭނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އައިބީ ވިދާޅުވި ގޮތުގައި، އދ ގެ ފަރާތުން ނިންމާ ބައެއް ނިންމުންތަކަަށް ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އަމަލު ނުކޮށް އެބަހުރި ކަމަށާއި އެހެން ކަމުން އެ ނިންމުމަށް ރާއްޖެއިން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އައިބީ ވިދާޅުވި ގޮތުގައި އދ ގެ ފަރާތުން އެކަން އެގޮތަށް ނިންމާފައި ވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށް ބެލެވޭ ކަމަށެވެ.
" ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އެބަހުރި އދ ގެ ނިންމުންތަކަށް ތާއީދު ނުކޮށް. ކޮންމެހެން ރާއްޖެއަކަށް މަޖުބޫރެއް ނުވޭ އެ ނިންމުމަށް އަމަލު ކުރާކަށް" އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި ގުޅިގެން ވެސް އދ އިން ނަޝީދު އާޢި ދެކޮޅަށް ބަޔާން ނެެރެފައިވާ ކަމަށާއި އެހެން ކަމުން މިހާރު ނަޝީދުގެ ދިފާޢުގައި ބަޔާން ނެރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތަކީ އިންސާފުވެރި ޝަރީޢަތެއް ކަމަށާއި އެކަން ބަލަން ބޭނުން ނަމަ ރާއްޖެ އައިސް އެކަން ބެލުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ވެސް އެބައޮތް ކަމަށް އައިބީ ވިދާޅުވިއެވެ.
ޑަބުލިއުޖީއޭޑީގެ ފަރާތުން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް ފޮރިން މިނިސްޓްރީއިން ވެސް ވަނީ ބުނެފައެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެއީ ކޮންމެ މީހެއް ކަމުގައި ވީ ނަމަވެސް، ޝަރުއީ ދާއިރާގައި ހިނގަހިގާ އޮތް މައްސަލައެއްގެ ތެރެއަށް ސަރުކާރަކަށް ނުވަދެވޭނެ ކަމަށާއި އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކޮށްފިނަމަ އެވާނީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެ ބަޔާނުގައި ވެއެވެ.