ސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ހުރަސް އަޅުއްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
'އައްޑޫލައިވް' އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ރޮޒެއިނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް މަސީހް ގެންދަވަނީ މީދޫ ދާއިރާ އާއި މުޅި އައްޑޫގެ ރައްޔިތުންގެ ހައްޤުތަކުގެ މަތީގައި އަތް އަޅައިގެން ކަމަށެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްޤީއަށް ކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނާ މަޝްރޫޢުތަކާއި ބެހޭގޮތުން ވަޒީރުންނާއި ސުވާލުކުރުމަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް އެކަން އެޖެންޑާ ނުކުރައްވާ ކަމަށެވެ.
" ވަޒީރުންނަށް މަޖިލީހުން މި ސުވާލުތައް ފޮނުވާފައިވާ ކަން ކައުންސިލަރ ޖެނެރަލް އަދި އަމީން އާންމުގެ ފަރާތުން ވަނީ އެނގިފައި. މަސީހް އެޖެންޑާ އެއް ނުކުރައްވާ. އެބޭފުޅާ އިންނަވަނީ އަޅުގަނޑުމެންގެ ދާއިރާ އާއި އައްޑޫގެ ރައްޔިތުންގެ ހައްޤުތަކުގެ މަތީގައި އަތް އަޅައިގެން" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްޤީއާއި ގުޅުން ހުރި ތަފާތު އެކި ކަންކަމުގައި ވަޒީރުންނާއި ސުވާލު ކުރުމަށް އޭނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 2015 އަހަރުގެ ބަޖެޓްގައި ،1،000،000 ރުފިޔާ ކަނޑައެޅިފައިވާ އިރު އެ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވެފައިވާ މައްސަލަ އާއި މަރަދޫފޭދޫ ބަނދަރުގެ މަސައްކަތުގެ އިތުރުން އީސީސީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށިފައި ނުވާތީ އެކަމާއި ބެހޭ ގޮތުން ވެސް ސުވާލު ކުރުމަށް ރޮޒެއިނާ ވަނީ ހުށަހަޅުއްވާފައެވެ.
އަދި މީގެ އިތުރުން އައްޑޫގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލާއި އައްޑޫގެ ނަރުދަމާގެ މަސައްކަތް ބަޖެޓް ކުރެވިފައިވީ ނަމަވެސް އަދި ވެސް އެ މަސައްކަތް ފެށިފައި ނުވާތީ އެކަމާއި ބެހޭގޮތުން ވަޒީރުންނާއި ސުވާލުކުރުމަށް ވެސް ރޮޒެއިނާ ހުށަހަޅުއްވާފައިވެއެވެ.