2015 ވަނަ އަހަރުގެ ބަޖެޓްގައި އައްޑޫގެ ތަރައްޤީއަށް ކޮށްދޭނެ ކަންތައް ތަކުގެ ވާހަކަ ބަޔާންކޮށްފައި ހުރި ކަމަށް ބުނެ ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު ނިމިގެންދާއިރު އައްޑޫގެ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައް ތަކެއް ކުރެވޭނެއެވެ.
އެހެން ނަމަވެސް މި އަހަރު ނިމުމަކަށް އައިސްފައިވާއިރު ބަޖެޓްގައި ހިމަނައިފައިވާ ގިނަ ކަންތައްތަކެއް ފެށިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބޭފުޅުންނަށް "ބޭކާރު" ތަނެއް ކަމުގައި ވިޔަސް، އައްޑޫގެ ގިނަ ބައެއްގެ ޤަދަރު އެ އިމާރާތަކަށް ލިބިފައިވާ އީސީސީގެ މަރާމާތު ކުރުން ހިމެނެއެވެ. އީސީސީ މަރާމާތުކޮށް އެތަނުގެ ފެންވަރު ރަގަޅު ކުރުމަށް 3.2 މިލިއަން ރުފިޔާ، 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް އީސީސީގެ މަރާމާތަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމެއް އެނގޭކަށް ނެތެވެ.
ހައުސިން މިނިސްޓްރީ މާލޭގައި ހުރެގެން އައްޑޫގެ ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން އެންމެ ފަހުން އެ ޑިޕާޓްމެންޓްގެ އޮފީހެއް އައްޑޫގައި ވަނީ ހުޅުވާފައެވެ. އެހެން ނަމަވެސް އައްޑޫގެ ރައްޔިތުންނަށް ދަތިވެފައިވާ އެއްވެސް ކަމެއް ހައްލުކޮށްދިނުމުގައި މިހާތަނަށް އެ ޑިޕާޓްމެންޓަށް ކަމެއް ކޮށްދެވިފައެއް ނުވެއެވެ. ފާއިތުވި އޯގަސްޓު މަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީވުމަށް، ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮވައިގެން ބައެއް ކައުންސިލަރުން ނިކުންނެވި އިރު، ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓުގެ އެއްވެސް އިސްވެރިޔަކު އައްޑޫގައި ވަޑައިގެން ނޫޅުއްވައެވެ.
އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ބިނާ ކުރެވުނު އީސީސީ މިވަގުތު ހުރީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. އެހެން ނަމަވެސް އެތަން މަރާމާތު ކުރުމަށް، ކަމަށް ބުނެ ކަނޑައެޅި 3.2 މިލިއަން ރުފިޔާއިން ކުރީ ކޮން ޚަރަދެއް ކަމެއް ވެސް ނޭނގެއެވެ. އީސީސީ އާއި ބެހޭގޮތުން ސަރުކާރުގެ އިދާރާއެއް ހިމެނޭ ގޮތަށް ހިންގާފައި ވަނީ އެންމެ މުޢާމަލާތެއް ކަން ވަނީ އެނގިފައެވެ.
އެއީ، މިނިވަން50 ގެ ހަރަކާތްތަކަށް އީސީސީގެ ހޯލުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ގޮނޑިއާއި އެހެނިހެން ސާމާނު ގެންދިއުމެވެ. 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އީސީސީގައި ހުރި ގޮނޑިތަކުގެ އިތުރުން ޓީވީ އާއި ޕްރޮޖެކްޓަރުތަކެއް ވެސް މާލެ އަށް ވަނީ ގެންގޮސްފައެވެ. ގޮނޑިތައް ގެންދިޔަ ފަހުން 2 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އަދިވެސް އެ ގޮނޑިތައް އަނބުރާ ގެނެސްފައެއް ނުވެއެވެ.
އެކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ދިއުމުން، އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވަނީ، އީސީސީގައި ހުރި ގޮނޑިތައް މާލެ ގެނައުމަށް ފަހު އަނބުރާ ގެންނާނެ ދުވަސް އޮޅުން ފިލުވުމަށް ހައުސިން މިނިސްޓަރ އާއި ސުވާލުކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެ ފުރުސަތު މަޖިލީހުގެ ރައީސް ވަނީ ނުދެއްވާފައެވެ.
މީގެ އިތުރުން ބަޖެޓްގައި ހިމެނިފައިވާ 3.2 މިލިއަން ރުފިޔާ ހިމެނުނު ނަމަވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާތީ ވެސް ހައުސިން މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ރޮޒެއިނާ މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.
2015 ވަނަ އަހަރު ނިމުމަކަށް އައިސްފައިވާއިރު، ދައުލަތުގެ ބަޖެޓުގައި އީސީސީ މަރާމާތު ކުރުމަށް ހިމެނި 3.2 މިލިއަން ރުފިޔާއިން ކުރީ ކޮންކަމެއްތޯ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހެއެެވެ. އެ ފާއިސާ ޚަރަދު ކުރީ އީސީސީގައި ހުރި ގޮނޑިތައް މާލެ ގެންދިއުމަށް ކަމަށް ވާނަމަ އެކަން ވެސް ރައްޔިތުންނަށް ސިއްރުކުރުމުގެ ބަދަލުގައި ހާމަކޮށްދޭން ސަރުކާރުން ޖެހެއެވެ.