ސިޔާސީ ލީޑަރުން ނައްތާލަން މިހާރުގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އަނިޔާއެއް ލިބެމުންދާ އެއް ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެވެ. އެހެން ނަމަވެސް އެކަން ބޮޑުވެގެން އެވާހަކަ ދައްކާނެ ބޭފުޅަކު ހުރިހެނެއް ހިޔެއް ނުވެއެވެ. ޝެއިޚް އިމްރާން އަބްދުﷲ ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނު ނިސްބަތްވާ އަދާލަތު ޕާޓީވެސް ފެންނަނީ ވަރަށް "ހިމޭންކަމާއި" އެކު އޮންނަވާ ތަނެވެ.
ދޭތެރެއަކުން ނޫސްބަޔާނެއް ނެރެލުން ފިޔަވައި، ޝެއިޚް އިމްރާންގެ ދިފާޢުގައި މާބޮޑު ކަމެއް އަދާލަތު ޕާޓީއިން ކުރާތަނެއް ނުފެނެއެވެ. އަދާލަތު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ސަރުކާރު ދެކެ ޖެހިލުންވަނީ ކަން ނޭނގެއެވެ ؟ ބައެއް ބޭފުޅުންގެ ފޭސްބުކް ޕްރޮފައިލަށް ލާފައި ހުރި، ޝެއިޚް އިމްރާން ދޫކޮށްލުމަށް ގޮވާލާ ލިޔުންކޮޅު ވެސް މިހާރު ބަދަލުކޮށްލައިފިއެވެ. ސަރުކާރަކަށް މިހާރު އިމްރާންގެ މައްސަލައިގައި އެއްވެސް ޕްރެޝަރެއް ނެތެވެ.
ރާއްޖޭގައި ހުރި އެންމެ ކޮރަޕްޓް ފަނޑިޔާރު ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ޢަބްދުލްބާރީ ޔޫސުފްގެ އެހީގައި، ޝަރީޢަތަކާއި ނުލައި ޝެއިޚް އިމްރާން ތަންފީޒީ ޖަލެއްގައި ހައްޔަރު ކޮށްފައި ހުންނަތާ 4 މަހަށްވުރެން ގިނަ ދުވަސްވެއްޖެއެވެ. އެއީ އަނިޔާއެއް ނޫން ދެން ކޯޗެއްތޯއެވެ؟ އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ އުފުލި ނަމަވެސް އެދައުވާގެ އެއްވެސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ނަމާދުކުރަން މުސައްލައެއް ފޯރުކޮށްދިނުމަށް ދެކޮޅު ހެދުމާއި، މުސްޙަފެއް ފޯރުކޮށްދޭން ދެކޮޅު ހެދުން ފަދަ ފުުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންގެ ފަރާތުން އިމްރާނަށް ދަނީ ކުރިމަތިވެފައެވެ. އެވާހަކަަތައް ދައްކާނެ ބަޔަކު މިޤައުމަކު ނެތެވެ. ހިއުމަން ރައިޓްސް ކޮމިޝަނެއް އޮވެއެވެ. އެބޭފުުޅުންނަކަށް ވެސް އިމްރާނަށް ލިބެމުންދާ އަނިޔާތަކެއް ނުފެނެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ބޭފުޅުންނަށް ލިބެމުން ދިޔަ އަނިޔާތަކަށް ނިމުމެއް ގެނައުމަށް ހިތްވަރާއި އެކު ނިކުންނެވީ ޝެއިޚް އިމްރާން އަބްދުﷲ އެވެ. ރައީސް ނަޝީދު ނުވަތަ ކާނަލް ނާޒިމްވެސް ދޫކުރަން ސަރުކާރަށް އެއް ވާނެއްގައި ޕްރެޝަރު ކުރުމުގެ މަގު ފަހި ކޮށްދިން ބޭފުޅަކީ ޝެއިޚް އިމްރާން އަބްދުﷲއެވެ. ނަޝީދުގެ ދިފާއުގައި ނިކުތް މީހުން "ޑީލް" ތައް ހައްދަވައިގެން ޖަލުން ދޫކޮށްލުމުން ފިއްލަވާ ވަޑައިގެން ޤައުމުން ބޭރަށް ދިޔަ ކަމުގައި ވިޔަސް އެގޮތް އިޚްތިޔާރު ނުކޮށް އަނިޔާވެރިކަމާއި ދެކޮޅަށް ސާބިތު ކަމާޢި އެކު ހުންނެވީ ޝެއިޚް އިމްރާން އަބްދުﷲއެވެ.
މިއަދު، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު ވެސް ލަދުގަންނަން ޖެހޭނެއެވެ. އެމްޑީޕީގެ މުޅި ލީޑާޝިޕާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވެސް މެއެވެ. އެބޭފުޅުންގެ ދިފާޢުގައި ނިކުމެ ވަޑައިގެންނެވި ޝެއިޚް އިމްރާންގެ ދިފާޢުގައި އެއްޗެއް ވިދާޅުވާން ނުކެރިފައި ތިބުމަކީ ހަމަ ތިބޭފުޅުންގެ އިޚްލާސްތެރިކަމެއް ނެތް ކަމެވެ.
އެހެން ނަމަވެސް މިއަދު ވެސް ޝެއިޚް އިމްރާންގެ ޝަކުވާއެއް ނެތެވެ. އެބޭފުޅާ ހުންނެވީ އަދިވެސް ސާބިތުކަމާއި އެކުގައެވެ. ސަރުކާރުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ބޭފުޅަކަށް ޝެއިޚް އިމްރާން ވެވަޑައެއް ނުގަންނަވާނެއެވެ. އެއީ އެއަށް ވުރެ މާ ހިތްވަރުގަދަ ބޭފުޅެކެވެ.