ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު މަރާމާތު ކުރުން އެކަނި ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ އެތަން މަރާމާތު ކުރުމަށް ފަހު އައްޑޫ ސިޓީގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގޮނޑިތައް މާލެ ގެނައި މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ އީސީސީގައި ހުރި ގޮނޑިތައް މާލެ ގެނައީ އެ ގޮނޑިތަކަކީ އެފަދަ ގައުމީ ބޮޑު ހަރަކާތަކަށް އެކަށީގެންވާ ކަހަލަ ގޮނޑިތަކެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އީސީސީގެ ގޮނޑިތައް ގެނައީ މިނިވަން 50 ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ބޭނުން ކުރުމަށް ކަމަށާއި މިނިވަން 50ގެ ރަސްމީ ހަރަކާތްތައް ފިޔަވައި އެހެން އެއްވެސް ކަމެއްގައި އެ ގޮނޑިތައް ބޭނުން ނުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުން ގެނައި ގޮނޑިތައް މިހާރު ބޭނުންކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ގޮނޑިތައް ވީއެންމެ އަވަހަކަށް އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރަށް ފޮނުވުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.