Last Updated: November 24, 23:51
Sunday, November 24, 2024

އެޗްއާރްސީއެމް އޮފީހުގެ ސެކިއުރިޓީ ގާޑަށް ގްރޫޕަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސެން މިރުސާދު

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީހުގެ ސެކިއުރިޓީ ގާޑަށް ރޭ ދަންވަރު ގްރޫޕެއްގެ ބަޔަކު ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހަފްސާ 'އައްޑޫލައިވް'އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި، ގްރޫޕަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ހަފްސާ ވިދާޅުވި ގޮތުގައި އެ ފިރިހެން މީހާގެ މޭމަތީގެ ބައެއް ކަށިތަކުގައި ރެނދުލާފައި ވުމުގެ އިތުރުން އެހެން އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފިރިހެން މީހާއަށް ހަމަލާދީފައިވަނީ ރޭ ދަންވަރު އެޗްއާރްސީއެމްގެ ޑިއުޓީއަށް ދަނިކޮށް މަގުމަތިންނެވެ. އޭނާއަށް ހަމަލާދިން ނަމަވެސް ރޭ އެޗްއާރްސީއެމްގެ އޮފީހަށް އެއްވެސް ގެއްލުމެއް ދީފައި ނުވާކަމަށްވެއެވެ.

" ގްރޫޕެއްގެ ބަޔަކު އައިސް އޭނާގެ އަތުގައި ހުރި ފައިސާތައް އަތުލައިގަންނަން މަސައްކަތް ކުރީ. ދެން އޭނާ އެކަމަށް ހުރަސް އެޅުމުން މާރާމާރީ ހިންގާފައި ދިޔައީ" އެޗްއާރްސީއެމް އޮފީހުގެ ވޮޗަރަކަށް ހުރި މީހާގެ އަވަށްޓެރިއަކު ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ވެސް އެޗްއާރްސީއެމްގެ އޮފީސް ފަޅާލައި އެތަނުން ވަނީ ވައްކަން ކޮށްފައެވެ.