މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުންގެ މުސާރައިގެ ބޮޑު ބައެއް ކަނޑާލަން މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީ އިން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. އެ ކޮމިޓީ އަކީ ސަރުކާރަށް ތާޢީދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ.
މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ސިޓީ ކައުންސިލްގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 15،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ އާއިއެކު ޖުމްލަ މޭޔަރުންނަށް 18،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 12000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ އާއިއެކު ޖުމްލަ ޑެޕިއުޓީ މޭޔަރުންނަށް 14،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުންނަށް 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސިޓީ ކައުންސިލް މެންބަރުންގެ ޖުމްލަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 11،500 ރުފިޔާއެވެ.
ސިޓީ ކައުންސިލްގެ މޭޔަރުންނަށް ލިވިންގ އެލަވަންސް އާއި އެކު މުސާރައިގެ ގޮތުގައި މިހާރު 45،000 ރުފިޔާ ލިބެއެވެ. އަދި ޑެޕިއުޓީ މޭޔަރުންނަށް ލިވިންގ އެލަވަންސް އާއިއެކު 35،000 ރުފިޔާ ލިބެއެވެ. މޭޔަރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ޑެޕިއުޓީ މޭޔަރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި 8000 ރުފިޔާ ލިބެއެވެ.