އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ހިތަދޫ ސްކޫލްތަކުގެ ޓީޗަރުންނާއި ހިތަދޫ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ފުލުހުންގެ ފަރާތުން ކުރިޔަށް ގެންދާ ސްވިމިންގް ޕްރޮގްރާމްގެ ބައިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ސެޝަންގައި ފުލުހުންނަށް މައްސަލައެއް ހުށައެޅުމުން މައްސަލަ ފައިލް ކުރާ ގޮތާއި ޕޮލިސް ކޯޑަން އަކީ ކިހާ މުހިއްމު އަދި ކީކުރަން ދަމާ ކޯޑަންއެއްކަން ބައިވެރިންނަށް އޮޅުންފިލުވާދީފައިވެއެވެ. އަދި މީގެ އިތުރުން މީހަކު ހައްޔަރު ކުރާއިރު ފުލުހުން ބޭނުންކުރާ އުކުޅުތަކާއި ހަތިޔާރު ބޭނުންކުރެވޭ ހާލަތްތަކަކީ ކޮބައިކަމާއި ބަލައިފާސްކުރުމުގައި ފުލުހުން ޢަމަލުކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްވިމިންގް ޕްރޮގުރާމްގެ ތެރެއިން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ޓްރެފިކާއި ބެހޭގޮތުންނާއި އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ހިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ބެހޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމަށްޓަކައި ސެޝަންތަކެއް އައްނަނީ ކުރިޔަށް ގެންދަމުންނެވެ.
މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ފުލުހުންގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނާ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.