ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން އަބްދުލް ޤައްޔޫމާއި ނައިބު ރައީސް އަހްމަދް އަދީބު އާއި ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާކަން އިތުބާރުހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ޕީޕީއެމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ރައީސް ޔާމީން އާއި އަދީބުގެ ދެެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށާއި އެކަން ދިމާވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު ކަމަށެވެ.ކައުންސިލް މެންބަރ ވިދާޅުވި ގޮތުގައި އަދީބު އާއި ޔާމީންގެ ދެމެދު ދެބަސްވުންތަކެއް އުފެދި އެ ދެބޭފުޅުން ރައީސް އޮފީސްތެރޭގައި ވެސް ބަހުގެ ހަމަލާތައް ކުރައްވާފައިވާ ކަމަށެވެ.
އާންމުކޮށް އަދީބު އަކީ ރައީސް ޔާމީން ވަޑައިގަންނަވާ ހުރިހާ ތަނަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ވި ނަމަވެސް ރައީސް ޔާމީން ހައްޖުން އެނބުރި ވަޑައިގެންނެވިއިރު ރަސްމީފާލަން ކައިރިއަށް އަދީބު ވަޑައިގެންފައި ނުވާތީ އެކަން ވަރަށް ގިނަ ނޫސްވެރިންނާއި އާންމުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ލޯންޗްކޮޅުގެ ހާދިސާއާއި ގުޅިގެން ނައިބު ރައީސް އަދީބުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރި ދެމީހަކު އެމީހުންގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ އިރު، އެ މައްސަލައާއި ގުޅިގެން ސިފައިންގޭގެ ހަތިޔާރުތަކާއި ބެހޭ ބައިގައި މަސައްކަތް ކުރާ ދެމީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި މަސްއޫލިއްޔަތު ތަކުން ދުރިކުރި ދެމީހުންގެ ތެރެއިން ކޯޕްރަލް އާމިރު ގެންގުޅުނު ފިސްތޯލައެއް 2014 ވަނަ އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓުގައި ގެއްލުނު މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. މިޚަބަރުތައް މީޑިޔާއަށް ތިލަވުމުން އެމްއެންޑީއެފުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް އެހާދިސާ ހިނގިކަން ރިސޯޓުގެ މުވައްޒަފުން ވެސް ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީޢަތުގައި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ އެކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ ހެކިން ހާޒިރުކޮށްދީފައެއް ނުވެއެވެ.