ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އެންމެ ފަހުގެ ނޫސް ކޮންފަރެންސްގައި މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ވިދާޅުވި ބަސް ކޮޅުގެ މަތިން ހަދާން އެބަހުރި ހެއްޔެވެ؟
"އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން ވެސް މިހިނގައި ދިޔަ ކަންތަކާ މެދު ވިސްނާ ވަޑައިގަންނަވަން. މިކަން މިހިނގާ ދިޔަ ގޮތުން އަޅުގަނޑު ގަބޫލުކުރަނީ ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަން މިއަދު ނެތްކަން. ބޭނުންވެއްޖެ ހިނދެއްގައި، ބޭނުންވެއްޖެ މީހެއްގެ ގެޔަށް ކޮންމެ އިރަކު ވަދެ ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ ކަމުގެ ގޯސް ސިގްނަލެއް މިއަދު ލިބިގެން މިދިޔައީ،" ނާޒިމް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެންމެ އިސްކޮށް ހުންނަވަނީ ޑިފެންސް މިނިސްޓަރު، އެއީ ދުނިޔޭގައި އާދަވެ ކަން ހިނގަމުންދާ ގޮތް. އެ މިނިސްޓަރު ގެއަށް ބޭނުން އިރެއްގައި ބަޔަކަށް ވަދެ އެކަން ކުރެވޭ ހާލަތެއްގައި، ދިވެހި އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަމެއް ނޯންނާނެ."
ނާޒިމް މި ގޮތަށް ވިދާޅުވެފައިވަނިކޮށް ފެބްރުއަރީ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ނާޒިމް ހައްޔަރުކޮށް، "އަވަސް" ޝަރީއަތަކަށް ފަހު ނާޒިމް މިވަގުތު ހުންނެވީ 11 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ. ދިވެހިރާއްޖޭގެ އެންމެ ކޮރަޕްޓް ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ބުނަމުންދާ އަބްދުލް ބާރީ ޔޫސުފް ހުންނަވައިގެން ހިންގެވި ޝަރީޢަތުގައި ކާނަލް ނާޒިމު ހުށަހެޅި 50 އަށް ވުރެ ގިނަ ހެކިންގެ ތެރެއިން ބަލައިގަތީ ވަރަށް މަދު ހެއްކެކެވެ.
ޤާނޫނީ ނިޒާމް ފުނޑާލުމަށްފަހު ކާނަލް ނާޒިމް ޖަލަށް ހުކުމް ކުރިފަހުން 7 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު މިހާރު ގައުމުން ފެންނަމުން މިދަނީ ނާޒިމް ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ހާމަވަމުންދާ ތަނެވެ. ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް މިއަދު ރައްކާތެރިކަމެއް ނެތްކަން މިދަނީ ހާމަވަމުންނެވެ. ގޭންގްތަކުން މުޅި ޤައުމު ކޮންޓްރޯލް ކުރަމުންދާއިރު އެކަމާއި މެދު އެއްޗެއް ވިދާޅުވާން ފުލުހުން ވެސް ވަނީ ޖެހިލުން ވެފައެވެ.
ޤާނޫނީ ވަކީލެއް، ޓީޗަރެއް ނުވަތަ ކިޔަވާ ކުއްޖަކަށް މިޤައުމުގައި ރައްކާތެރިކަމެއް ނެތެވެ. ރޯމާ ދުވާލު މާލޭގެ މަގުމަތީގައި މީސް މީހުންގެ ފުރާނަ ދުއްވާލަމުންދާ އިރު އެކަން ހުއްޓުވުމަށް ކަމާއި ބެހޭ މުއައްސަސާތައް މިވަނީ ފެއިލް ވެފައެވެ. އާންމު ރައްޔިތުންނަށް ރައްކާތެރިކަން ނެތުމަކީ މައްސަލައެއް ކަމުގައި ނުހައްދަވައި ހަވާ އަރުވައި ކުޅިވަރާއި މަޖަލުގައި ޤައުމުގެ އިސްވެރިން ތިއްބައި، ޣާފިލްކަމުގެ ނިދިން ހޭލައްވާލީ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި ހިނގި ހާދިސާއާއި އެކުގައެވެ.
އެ ހާދިސާއަށް ފަހު ސިޔާސީ ގޮތުން ބޮޑެތި ރާޅުތަކެއް ނަގާނެ ކަމަށް ބެލެވޭ އިރު، ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ގިނަ ބައެއްގެ ތުހުމަތު ކުރަނީ ނައިބް ރައީސް އަހްމަދް އަދީބުގެ މައްޗަށެވެ. ކާނަލް ނާޒިމް ފްރޭމްކޮށް ޖަލަށް ލެވުމުގެ ކުރިން އަދީބުގެ ފަރާތުން "ދުއްވާލާނެ" ކަމުގެ އިންޒާރު ލިބިފައިވެއެވެ. އެހެން ކަމުން މިހާރު ނައިބް ރައީސް އަދީބަށް ވެސް އެފަދަ އިންޒާރެއް ލިބިފައިވުން އެކަށީގެންވެއެވެ.
ފެންނަ މަންޒަރުތަކަށް ބަލާއިރު ނައިބު ރައީސް އަދީބަށް ވެސް ރައްކާތެރިކަމެއް އޮތް ހެނެއް ހިޔެއް ނުވެއެވެ. ޕީޕީއެމް މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސްބޭފުޅުންގެ އިތުބާރު އަދީބަށް ގެއްލިފައިވާ ކަމަށް ވާހަކަތައް ދެކެވެމުން އެބަދެއެވެ. މަޤާމުގެ މަސްއޫލިއްޔަތުން ދުރުކުރެވިފައިވަނީ، އަދީބުގެ ދެ ބޮޑީގާޑުންނެވެ. އޭގެ ތެރެއިން އެކަކީ، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝަންގްރިއްލާ ރިސޯޓުގެ ތެރެއަށް ފިސްތޯލައެއް ގެއްލުވާލި ބޮޑީގާޑެވެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަންގައި ވެސް އަދީބަކަށް ފުރުސަތެއް ނެތެވެ. އަދީބަށް ވުރެ ރައީސް ޔާމީން އިތުބާރު ކުރެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރަށެވެ. އެހެން ކަމުން މިހާރު އަދީބުއަކަށް ވެސް ރައްކާތެރިކަމެއް ނެތެވެ.
ނާޒިމް "ފްރޭމް"ކޮށް ޖަލަށް ލުމުގައި އިސް ދައުރެއް އަދާކުރިކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރާ އެސްޕީޖީގެ އިސްވެރިޔާ ވެސް މިވަނީ މަޤާމުން ދުުރުކުރެވިފައެވެ. ކާނަލް ނާޒިމް ފްރޭމްކުރުމުގައި ހަރަކާތްތެރިވި މީހަކު އެފަދަ އެހެން ޖަރީމާއެއް ހިންގުމަށް ވެސް ފަސްނުޖެހޭނެ ކަން ރައީސް ޔާމީނަށް މިއަދު ވިސްނިވަޑައިގަންނަވާނެއެވެ.
އަރިހުގައި ތިބި އިޚްލާސްތެރި ސިޔާސީ ލީޑަރުން ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ބަންދުކުރުމަށް ފަހު ރާއްޖޭގެ އެންމެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ އަހްމަދް އަދީބު ގާތްކުރެއްވުމަކީ މިހާތަނަށް ރައީސް ޔާމީން ނިންމެވި އެންމެ ގޯސް ނިންމުން ކަން އެބޭފުޅާ ވެސް ޤަބޫލުކުރައްވާނެއެވެ.