ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަންވަރު ގަޑީގައި ނޫސް ކޮންފަރެންސެއް ބޭއްވުމަކީ ފަހުގެ ތާރީޚެއްގައި ވެސް ކޮށްފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިރޭ ދަންވަރު ނޫސްކޮންފަރެންސެއް އޮންނާނެ ކަމަށް ބުނެ ރާއްޖޭގެ މީޑިޔާތަކަށް ދަޢުވަތު ދީގެން ރައީސް އޮފީހަށް ގެންދިޔައެވެ.
ނޫސްވެރިންނެކޭ އެއްފަދައިން ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ޓީވީ ދޮށުގައި ތިބީ ރައީސް އޮފީހުން ބާއްވާ "ކުއްލި" ޕްރެސް ކޮންފަރެންސްގައި މުހިއްމު ވާހަކައެއް ދައްކާނެ ކަމުގައ އުއްމީދުގައެވެ. އެހެން ނަމަވެސް ރައީސް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނާއި ބެހޭގޮތުން ދެތިން ބަހެއް ވިދާޅުވުމަށް ފަހު ނޫސްވެރިންނާއި ހިއްސާކުރީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ވަގުތު ކޮންމެވެސް މީޑިޔާއަކުން ނަގާފައިވާ ވީޑިއޯއެކެވެ.
އެވީޑިއޯ އަކީ ރާއްޖޭގެ ގިނަ ނޫސްވެރިންނާއި އަދި ރައްޔިތުންނަށް ވެސް އެއް ފަހަރަށް ވުރެ ގިނައިން ފެނިފައިވާ ވީޑިޔޯއެކެވެ. އެހެންވެ އެ ވީޑިއޯއަށް ގިނަ ބަޔަކު ސަމާލުކަން ނުދީ ތިއްބައި، ނޫސްކޮންފަރެންސްގައި ވީޑިޔޯ ދެވަނަ ފަހަރަށް ދައްކަމުން ސްޕޯކްސް ޕާސަން މުއާޒު ވާހަކަ ދައްކަން ފެއްޓެވުމުން ހީވީ، އިތުރު މައުލޫމާތު ތަކެއް ހިއްސާކުރުމަށް އުޅުއްވަނީ ހެންނެވެ.
ނަމަވެސް މުއާޒު ވިދާޅުވީ، "އެވަގުތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ތިއްބެވީ އެ ގޮވި ތަނުގެ އެތެރޭގައި ކަން އަޅުގަނޑު އެންމެހާ ދިވެހިރައްޔިތުންނަށް ދަންނަވަން". ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި ހިނގި ހާދިސާއެއް ހިނގި އިރު އެމަނިކުފާނު ހުންނެވީ ޖިއްދާ އެއާޕޯޓުގައި ނޫން ކަމާއި، އެމަނިކުފާނު ހުންނެވީ ލޯންޗްކޮޅުގައި ކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމަކެވެ.
އެހެން ކަމުން ދަންވަރު ގަޑީގައި ނޫސްވެރިން ރައީސް އޮފީހަށް ގެންދިއުމަށް ފަހު، ކުރު ވީޑީޔޯ އެއް ދައްކާލުމަށް ފަހު "ސުވާލު ނުކުރެވޭނެ ކަމަށް އަންގައި ގެއަށް ފޮނުވާލާ ވަރަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެސް ޒިންމާދާރު ވާން ވެއްޖެއެވެ. ޓެކްނިކަލް މައްސަލައެއް ނުވަތަ އެހެން މައްސަލައަކާއި ގުޅިގެން ނަމަވެސް އަސްލު ހާމަކުރަން އުޅުނު މައުލޫމާތު ހާމަ ނުކުރެވުނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދަކީ ރާއްޖޭގެ ރައްޔިތުންނަށާއި އަދި ޙާއްސަ ގޮތެއްގައި ނޫސްވެރިންނަށް ރައީސް އޮފީހުގެ ފަރާތުން ޖެއްސުން ކުރި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެ ދުވަހެކެވެ.